ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އެއާޕޯޓް އިންވެގެން އޮތް ހުސްބިން ކަމުގައިވާ (ބިޅިފޭށި) ގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކޮށް އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ.

މި ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް މިހާރުވަނީ ކޮންސެޕް ޑްރޮއިން ވެސް ހަދާ ނިމިފައިވާއިރު ކޮންސެޕް ޑްރޮއިންގްގައި ވާގޮތުގެ މަތިން 108 ގެސްޓް ރޫމް މި ސަރަހައްދުގައި އެޅިގެން ދާނެ ކަމަށްވެސް އާރްއޭސީއެލް އިން ބުންޏެވެ.

އާރްއޭސީއެލުން ބުނީ މިއީ ޓޫރިޒަމް ޒޯން ތަރައްގީކުރަން ނިންމާފައިވާ ބިމަކީ މިވަގުތު އެއްވެސް ބޭނުމެއް ނުކުރާ ބިމަކަށްވުމުން، އެ ބިމުން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއެއް ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަޝްރޫއު އެއް ކަމަށެވެ.