ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ފޯރުކޮށްދިނުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖު" ގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.
ލެބޯރެޓަރީ އިކުއިޕްމަންޓުތައް ހޯދުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރަނީ ފޮޓޯ: ސިއްހީ ވުޒާރާ
ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ފަސް އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާއިރު، ސޮއިކުރި ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، ގެނައުމުން ރަށްތަކުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި އެ ސިއްހީ މަރުކަޒުތަކުގައި ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެއެވެ. މާލޭ ސިޓީގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހެދުމަށް ނިންމާފައިވާކަން ވެސް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަ ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.