ވަގުތީ ކެޓް ޝެލްޓަރގެ ބިންގާ އަޅައިފިއެވެ.
މިކަަމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
އާދަޔާއި ހިލާފަށް މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައިވާ މައްސަލައަކީ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ޒަމާންވީ މައްސަލައަކަށްވާއިރު، މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ބުޅާތަކަށް ވަނީ ސިއްހީގޮތުންނާއި ތަފާތު އެކިގޮތްގޮތުން އުނދަގޫތައް ކުރިމަތިވެފައެވެ.
މި މައްސަލައަށް މިހައިތަނަށް ހައްލެއް ގެނެވިފައި ނުވާއިރު، ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14 ވައުދުތަކުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.
މިގޮތުން މި މައްސަލައިގެ ހައްލެއްގެ ގޮތުން ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި ޕެޓްކެއަރ ފެސިލިޓީގެ ބައުންޑަރީ ފެންސުގެ މަސައްކަތް ފަށާފައިވަނީ މި ހިނގާ މާރޗު މަހުގެ 19 ވަނަ ދުވަހުއެވެ.
މި ވަގުތީ ކެޓް ޝެލްޓަރއަކީ މާލެ ސަރަހައްދުގެ ޕާރކްތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމް ކުރުމަށް ހުޅުވޭ ފެސިލިޓީއެކެވެ.
މީގެ އިތުރުން ގޭގޭގައި ގެންގުޅޭ ބުޅާތަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެއެވެ.
މި ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ބުޅާތައް ގިނަވެފައިވުމުން ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ.
އެގޮތުން މި ފެސިލިޓީ މެދުވެރިކޮށް، ބުޅާތަކަށް ބޭނުންވާނެ ފުރިހަމަ އަޅާލުންލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބުޅާތައް ކަރަންޓީން ކުރެވޭ ސަރަހައްދަކާއި، ކްލިނިކްއަކާއި، ފާރމަސީއާއި، ލެބޯޓްރީ، އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
މި ވަގުތީ ކެޓް ޝެލްޓަރ ގާއިމްކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިނަވެފައިވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.