އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ގުޅުވާލަދޭ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާތަން ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި އައްޑޫ ހުޅުދޫ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެދިވަޑައިގެންނެވީ އައްޑޫ ސިޓީ ބްރިޖާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދައްކާ ވާހަކަ އަޑު ނޭހުމަށެވެ. "އިރާދަކުރެއްވިއްޔާ ބުރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފަށާތަން ފެންނާނެ. އިދިކޮޅުން މިކިޔަނީ މީކީ ވާނެ ކަމެއް ނޫނޭ. ބޭކާރު ކަމެކޭ. މީގެ އިންޖިނިއަރިން ކޮބާހޭ. މިކަމަކަށް ފައިސާއެއް ނުލިބޭނެއޭ. މިކަހަލަ ވާހަކަ ރައްޔިތުން ގަބޫލު ނުކުރުން އެދެން.“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ބުރިޖަކީ ހަމައެކަނި 30 ހަކަށް މީހުން ސައިކަލު ދުއްވާލަން އަޅާ ބުރިޖެއް ނޫން ކަމަށާއި މިއީ މުޅި އައްޑޫ ސިޓީގެ ތަރައްގީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއް ކަމަށެވެ. މި ފާލަމުގެ ސަބަބުން މުޅި ސިޓީއަށް އަދި މުޅި ދެކުނަށް ދެމިގެންދާނީ އެތައް ގުނައެއް މައްޗަށް ތަރައްގީ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޝާޑްއަކީ ހުޅުދޫ ދާއިރާއަށް އެމަނިކުފާނުގެ ސަރުކާރުން ކުރަން ރާވާފައި ހުރި ކަންކަމުގައި އެންމެ ފުރިހަމަ ގޮތުގައި ދެގޮތެއް ނުވެ އެންމެ ރަނގަޅަށް އެއްބާރުލުން ދެއްވާނެ ހަމައެކަނި ކެންޑިޑޭޓު ކަމަށެވެ. އެގޮތުން މިފަހަރަކީ އައްޑޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގައި އެކަތިގަނޑަކަށް ވާން ޖެހޭ ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.