ބޭރުގެއެމްބެސެޑަރަކު ވިދާޅުވާ ގޮތަކަށް ގައުމު ހިންގަން ހިފާ މިސްރާބަކީ ކަސިޔާރު މިސްރާބެއްކަމަށާއި އެ ކަސިޔާރު މިސްރާބު ގެނައުމަށް ކުރާ މަސަައްކަތަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރުާގައި ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް، މުޙައްމަދު ފަޒީލުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދިވެހި ގައުމުގައި އިންވެސްޓުކުރާނެ އިންވެސްޓަރުން އައުުންފަދަ ހެޔޮ މިސްރާބަށް ކުރާ މަަސައްކަތްތައް ހަޖަމުނުކުރެވޭތީވެ މިސްރާބު ކައްސާލުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެމަސައްކަތް ކާމިޔާބުވިޔަދީގެންނުވާނެކަމަށެވެ.
"އިގްތިސާދު ވައްޓާލާފައި އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހަން، 120 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ހުރި ތާރީހުގައި މިދަނީ ދައްކަމުން، މިމަހުގެ 19އިގައި ދައްކަން އޮތް ލޯނު އޭގެ ކުރިން އޮތް ދަރަނިވެސް ދެއްކީ، ފައިސާ ޗާޕެއް ނުކުރަން، މުސާރަވެސް ދެމުން މިދަނީ، އަދި ކުންފުނިތަކުން ރަށްރަށުގައު 2022 ހިސާބުން ހުއްޓިފައި ހުރި މަޝްރޫއުތައް ފަށްޓާފައި ލާރިނުދީ ހުއްޓާފައި ހުރުމުން އަޅުގަނޑުމެން މިއަންނަނީ ފައިސާ ޗާޕްނުކޮށް ލިބޭއާމްދަނީގެ ތެރެއިން ތަރުތީބުކޮށްގެން މިކުންފުނިތަކަށް ލާރިދީގެން ޕެންޑީން ބިލުތައް ދައްކުވައިގެން އެމީހުން މޮބިލައިޒްކުރުވަމުން މަސައްކަތް ފަށްޓަމުންމިދަނީ، އެކަން ބައެއް ރަށްރަށުން އެބަފެނޭ ސުކޫލު މަޝްރޫއުތައް ހުއްޓިފައި ހުރީ ހެލްތު ސެންޓަރުތަކުގެ މަސައްކަތްތައް، މަލްޓިޕާޕަސް ހޯލްތައް ސްޕޯޓްސް އެކިއެކި ފެސިލިޓީތައް ބަނދަރުތައް މަގުހެދުން ނަރުދަމާ އެކަންކަން ހުރީ ހުއްޓިފައި މިހާރު އެދަނީ ފެށިގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެޔޮލިބޭނެ، ތެޔޮ އެޅޭނެ ގޮތެއް ނެތިސް އެމްޓީސީސީއަށް އެކަންވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންނަމަވެސް ފައިސާ ޗާޕް ނުކުރާ ކަމަށާއި ފައިސާ ޗާޕް ނުކުރީމާ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފައިސާ ޗާޕްނުކުރުމުން އިގްތިސާދަށް ދިރުން އަންނާނެކަމުގެ އުއްމީދު އެބަލިބޭ ކަމަށާއި މި ރަނގަޅު މަގުން، ރަނގަޅު މިސްރާބުން ކުރިއަށް ދިޔައިމަ ރައްޔިތުންބާރުވެރިވެ ރައްޔިިތުން ފުދުންތެރިވެ ދިވެހި ގައުމަށް އާރޯކަން ލިބި ދިވެހި ގައުމުގައި އިންވެސްޓުކުރާނެ އިންވެސްޓަރުން އަންނަކަމަށާއި އިދިކޮޅު ފަރާތްތަކަށް މިކަންކަން ހަޖަމުނުވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ މިސްރާބު ގެއްލުވައި އެހެންދިމާއަކަަށް އަނބުރާލުމަށް އެފަރާތްތަކުން ކުރާ މަސައްކަތްތަށް ހެޔޮވިސްނޭ ފަރާތްތަކުން ގައުމުދެކެ ލޯބިވާ މީހުން ވިސްނަން ވާނީ ގައުމުގައި ކަންކަން ހިގަމުންދާގޮތް އަމިއްލައަށް ބަލައި ގައުމާމެދު އަމިއްލަ ގޮތް ނިންމަން ޖެހޭނެކަމަށެވެ.
ދާންދޫ ދާއިރުާގައި ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް، މުޙައްމަދު ފަޒީލުގެ ކެމްޕެއިން ޖަލްސާ
ރައީސް ވިދާޅުވީ ދިިވެހިރާއްޖެއަކީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއްކަމަށާއި މިގައުމުގެ ކަންކަން ނިންމާނީ ދިވެހިން ކަމަށެވެ.
"ބޭރުބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ނޫން މިގައުމުގެ ކަންކަން ހިނގަންޖެހޭނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ގައުމުގެ ކަންތައް ކުރިއަށް ގެންދިއުން، މިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުން ވަނީ މާޒީ ކޮށްފި ކަމަށާއި އެމަގަށް އެމިސްރާބަށް ހިފަން ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ހަމަމިސްރާބެއް ނޫންކަމަށާއި އެއީ ކަސިޔާރުމިސްރާބެއް ކަމަށެވެ.
އަމިއްލައަށް ހަމަަމަގަށް އަޅުވާފައި އަނެއްކާވެސް މިސްރާބު ދޫކޮށްލުމަކީ ސިކުނޑިތަންދޭކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭރުގެއެމްބެސެޑަރަކު ވިދާޅުވާ ގޮތަކަށް ގައުމު ހިންގަން މިސްރާބުހިފަން އެކުރާ މަސައްކަތަށް ފުރުސަތު ދެއްވައިގެންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަތޭކަ ޕަސަންޓު އޮތް ކެންޑިޑޭޓަކީ ފަޟީލް ކަމަށާާއި މި ކެންޑިޑޭޓް ނަންބަރު 3 އެއް ހޮއްވަވައިދެއްވުމަކީ ދާންދޫދާއިރާގެ ތިން ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ބަޖެޓު ތެރެއިް ކުރަންހުރި ކަންކަމުގައި ވިޔަސް ސަރުކާރުން ކުރިއަށް ގެންދަންވާ ކަންކަމުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ކިބައިން ބޭނުންވާނެ އެހީތެރިކަން ކަމުގައި ވިޔަސް އެންމެބޮޑަށް އެހީތެރިކަންދެއްވޭނެ އަދި ދެގޮތެއް ނުވެ ފުރިހަމަގޮތުގައި ތާއީދުދެއްވާނީ ފަޟީލުކަމުގައި ރައީސް ވިދާޅުވިއެވެ.
މުޅި ރާއްޖެ ކަވަރުކުރަން މެނިފެސްޓޯއެއް ހަދާފައިވާނެ ކަމަށާއި މަޖިިލިހުގެ ތެރެއިން ކުރަން ހުރި ކަންކަމަށް، އެއީ މަޖިލިހުގެ ތެެރެއިން މުހިންމު ބަޖެޓު ފާސްކުރަން ކަމުގައި ވިޔަސް، ލޯނު ނުވަތަ ހިލޭ އެހީ ފާސްކުރުން ކަމަށްވިޔަސް އަދި މުހިންމު ގާނޫނުތައް ހެދުން ނުވަތަ ގާނޫނުތަކަކަށް ބަދަލު ގެންނަން ކަމުގައިވިޔަސް އަދި ސަރުކާރުގެ އެކިއެކި ކަންކަމަށް އެހީތެރިކަން ދިނުންކަމުގައި ވިޔަސް ރައްޔިތުންގެ ފަރާތުން މިނިސްޓަރީ މުވައްސަސާތަކަށް ވަކާލާތު ކުރުމަށް ވަޑައިގަންނަވާނެ މެންބަރުންގޮތުގައި މަސައްކަތް ކުރުންކަމުގައިވިޔަސް، މުޅި ދައުލަތަށް ބޭނުންވާ ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ކިބައިން ބޭނުންވާ އެއްބާރުލުން ދިނުމުގައި ދައުރު އަދާ ކުރުމުގައި އެ 93 ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަކީ ދިވެހީންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.