ޒުވާނުންގެ މަރުކަޒުތައް ހަވާލުކުރެވެން ނެތްކަމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މިފަދައިން ނިންމާފައި ވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީން ނެރުނު ސާކިއުލާއާ ގުޅިގެންނެވެ.
އަންނަ އޭޕްރީލް 15 ގެ ފަހުން ޔޫތު ސެންޓަރުތައް ބަލަހައްޓާނީ އެ މިނިސްޓްރީން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު މިނިސްޓަރު އަބްދުﷲ ރާފިއު ކަނޑައެޅުއްވީ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގެ ދަށުންނެވެ. އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު ޔޫތު ސެންޓަރުތައް ބަލަހައްޓަން ޖެހޭނީ އެ މިނިސްޓްރީން ކަމަށް މިނިސްޓްރީގެ މެންޑޭޓުގައި ބުނެފައިވާ ކަމަށް ވެސް ސާކިއުލާގައި ވެއެވެ.
މިކަމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ވަނީ ކުއްލި ޖަލްސާއެއް މިއަދު ބާއްވާފައެވެ.
އެ ސާކިއުލާއާ އެއްގޮތަށް އައްޑޫސިޓީގެ ޒުވާނުންގެ މަރުކަޒުތައް އެ މިނިސްޓްރީއާ ހަވާލު ކުރެވެން ނެތްކަމަށް މިނިސްޓްރީއަށް ސިޓީ ފޮނުވުމަށާއި ކައުންސިލްގެ ނިންމުމާ ގުޅޭ ގޮތުން ނޫސް ބަޔާނެއް ނެރުމަށާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގައި ގާއިމުކޮށްފައިވާ ލާމަރުކަޒީ ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެ މައްސަލަ ހުށަހެޅުމަށް ފެންނަ ކަމަށް އެ ކައުންސިލުން ބޭއްވި ޖަލްސާގައި ވަނީ ނިންމާފައެވެ.
ޔޫތު ސެންޓަރުތައް ސަރުކާރަށް ނަގަން ނިންމުމުން އެކަމާ ބައެއް ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.