އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

ޑރ ޝަހީމް ވިދާޅުވީ  ޣައްޒާގެ އަޚުންނާއި އުޚުތުން ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ދެކެން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން އަތުގައި ހުރި އެއްޗަކުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

“މިއީ ދިވެހިރައްޔިތުންގެ ދީލަތި އިޙުސާސްތައް ކަމަށާއި ތާރީޚީ ގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފުރަތަމަ ފަހަރަށް ބޭރަށް އެހީއެއް މި ފޮނުވަނީ. މިއީ ޒަކާތަށް ޚާއްޞަ އިދާރާއެއް ރާއްޖޭގައި ޤާއިމު ވެގެން ދިއުމުގެ ހެޔޮ ނަތީޖާ. ރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތު ހައުސްއަށް ޒަކާތް ދައްކަވަމުން ދިއުމުގެ ހެޔޮ ނަތީޖާ.” ޑރ ޝަހީމް ވިދާޅުވިއެވެ.

ޒަކާތު ފަންޑުން ފަލަސްތީނަށް އެހީވުމަށް ދިވެހި ސަރުކާރުން ނިންމިއިރު ޒަކާތު ފަންޑު ވަރުގަދަ ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ޒަކާތު ފަންޑު ބެލެހެއްޓުމަށް ”ޒަކާތު ހައުސް” ގެ ނަމުގައި ހާއްސަ އިދާރާއެއް ވެސް އުފައްދަވާފައެވެ.