ސަލާހުއްދީން މިސްކިތުގައި ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓްގައި ހުރި ފައިސާ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ސަލާހުއްދީން މިސްކިތުގައި ނަމާދަށްހުރި އަންހެނެއް ފޯނާއި ޕާސްގައި ހުރި 700 ރުފިޔާ ވަގަށް ނަގާފައިވަނީ ރޭ މެންދަމު 3:10 ހާއިރު ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރީ ހެނދުނު 7:03 ހާއިރު ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދެ ފިރިހެނުން ކަަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

އަބަދުވެސް ވައްކަމުގެ މައްސަލަ ބޮޑު ގައުމަކަށް ރާއްޖެ ވެފައިވާއިރު މި ރޯދަމަހަކީ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް ގިނަ މަހެއްކަން ފާހަގަކޮށްލެވެއެވެ. މިސްކިތްތަކުގެ ފަންކާ އާއި މޯޓަރުތައް ވަގަށް ނަގާފައިވާ ގިނަ މައްސަަލަތަކެއް ވަނީ ހާމަވެގެެން ގޮސްފައެވެ.

ހަމަމިއާއެކު މި ރޯދަ މަހުގެ ފުރަތަމަ ހަފުތާތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޓްރާންސްފޯރަމުތަކުން ވަގަށް ލޯނަރު ނަގާ މައްސަލަތަކެއް ފެންމަތިވެގެން ދިޔައެވެ. އެކަމުގައި ހުރި ނުރައްކާތެރިކަން ބުނެދެމުންދިޔައިރުވެސް ހުއްޓުމެއް ނައިސް އޮތް މިމައްސަލަ ހުއްޓުނީ އެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުން ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވުމުންނެވެ.