މި ދިޔަ 5 އަހަރު ދިޔަ ގޮތަށް މަޖިލިހުގެ ގޮނޑީގައި ނަމެއްގައި އިންނަ މެންބަރަކު ހޮވިގެންދިއުން އެއީ އެފޯޑް ކުރެވޭނެ ކަމެއް ނޫންކަމުގައާއި އަދި އެގޮތަށް ގޮނޑީގައި ތިއްބަވާނެ ބޭފުޅުން ހޮވުމަކީ މިދައުރުގައި ކޮށްގެންވާނެ ވަރުގެ ކަމެއްނޫންކަމުގައި ރައީސުލްޖުމްހޫރިިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭގައި ކުރިއަށް ދިޔަ ވިލިނގިލީދާއިރާގެ ޕީއެންސީ ކެންޑިޑޭޓް މުހައްމަދު ޔަޒްމީދުގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ނަމެއްގައި އިންނަ ކެންޑިޑޭޓަށް ވޯޓު ދެއްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް "އެފޯޑު" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ އެކަތިގަނޑަކަށްވެ، ޕާޓީތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި ޒާތީ ތައައްސުބުން އެއް ފަރާތްވެ ޕާޓީ އާއި ގައުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ ޔަޒްމީދަކީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި ސައްތައިން ސައްތަ އިތުބާރު ލިބިިފައިވާ ބޭފުޅެއްކަމަށާއި އެބޭފުޅާއަށް ވިލިނގިލީ ގޮނޑި ހާސިލުވާނެ ފަދައަކުން ވޯޓުދެއްވުމަށެވެ. ވިލިނގިލީ ދާއިރާގެ ގޮޮނޑި މިސަރުކާރަށް ލިބޭނެ ފަދައިން ކަންތައް ކުރުމުގެ ބާރު އަތުގައި އޮތުމާއެކުވެސް އެމްޑީޕީއަށް ގޮނޑި ދާނެފަދަ އެއްވެސްކަމެއް ނުކުރެއްވުމަށް ވިލިނގިލީ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވީ މިނިމިދިޔަ ފަސްއަހަރު ވެގެން ދިޔަހެން އެ ގޮނޑީގައި ނަމެއްގައި އިންނަވާނެ މެންބަރަކު ހޮވިގެންދިއުމަށް ދޫކޮށްނުލެއްވުމަށެވެ.
"ވިލިނގިލީގެ ރައްޔިތުން އަޅުގަނޑަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވަރަށް ބޮޑު ތާއީދެއް ދެއްވި އެކަމަށްޓަކައި ހިތުގެ ފުންމިނުން ޝުކުރުދަންނަވަން، ވަރަށް ބޮޑުތާއީދެއް ދެއްވީ، ތާރީހީ ގޮތުންވެސް ފާހަގަކުރެވޭ. އަޅުގަނޑު އެދެނީ އެ އެކުވެރިކަން އެޖޯޝު ކުރިއަށް ނެރުމަށް އެއެކުވެރިކަމާއެކީގައި އެންމެން އެކުގައި ވިލިނގިލީގެ ތަރައްގީއަށްޓަކައި ނުކުމެވަޑައިގެން، 21 ވަނަ ދުވަހު އޮންނަ ވޯޓުލުމުގައި، އަޅުގަނޑުގެ ސަތޭކަ ޕަސަންޓު އިތުބާރު އޮތް ފުރިހަމަ ތާއީދު އޮތް ކެންޑިޑޭޓު ނަންބަރ އެކެއް ޔަޒްމީދު ހޮއްވަވައިދެއްވުމަށް، އަޅުގަނޑުމެންގެ އަތުގައި އޮތީ، ވިލިނގިލީ ރައްޔިތުންގެ އަތްޕުޅުގައި އޮތީ މިގޮނޑި އެމްޑީޕީ އަށް ދޫކޮށްލުން، އެމްޑީޕީއަށް މިގޮނޑި ދާނެފަދަ އެއްވެސްކަމެއް ވިލިނގިލީ ރައްޔިތުން ނުކުރެއްވުމަށް އަޅުގަނޑު އެދެން، އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮތް، އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ކެންޑިޑޭޓް ޔަޒްމީދު ހޮއްވަވައިދެއްވުމަކީ ވިލިނގިލީ ރައްޔިތުންގެ އަތްޕުޅުގައި އޮތްކަމެއް، އެކަން ނުކުރައްވައިފިނަމަ ހިތާމަހުރި ގޮތެއްގައި މި ދިޔަ 5 އަހަރު ދިޔަ ގޮތަށް އެ ގޮނޑީގައި ނަމެއްގައި އިންނަ މެންބަރަކު ހޮވިގެންދިއުން އެއީ އަޅުގަނޑުމެންނަށް އެފޯޑް ކުރެވޭނެ ކަމެއް ނޫންކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ގައުމުގެ މަސްލަހަތު އިސްކޮށް ދާއިރާގެ ރަށްތަކުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އަދި އެއްކޮށް އިސްކޮށްގެން އެކުވެރިކަމާއެކީގައި މަސައްކަތް ކޮށްގެން އިންތިހާބު ކާމިޔާބު ކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނޫންނަމަ ސަރުކާރަށް ލިބެންހުރި މުހިންމު ގޮނޑިތަކެއް ގެއްލިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
"ނައިފަރު ދާއިރާއަށް ބަލާނަމަ އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން، ޕާޓީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓު ފިޔަވައި އެހެން މީހަކު ޕާޓީތެރެއިން ނިކުމެ ވަކިން ވާދަކުރަނީ. އެހެންވީމަ އެ ރަށުގެ ގޮނޑި އަޅުގަނޑުމެންގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން ގެއްލި ހިނގައިދާނެ," އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީއާއި ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ ކަމެއް ގޮތުގައި ދެކިގެން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލީ ހެޔޮކަމަކަށް ގައުމުގެ ވަލިއްޔުލްއަމްރު ގޮވާލައިފިނަމަ އެކަމަށް އިޖާބަ ދިނުމަށް ޖަލްސާ ފެށިއިރު ކިޔެވިގެންދިޔަ އާޔަތްތައުގައި އޮތްކަން ފާހަގަކުރައްވައި މިރަމަޟާންމަހުގެ މިފަހު 10 ދުވަހުގެ މި އޮނަހިރިރޭތަކުގައި އަޒުމު ކަނޑައަޅަންވީ ހެޔޮނިޔަތުގައި ގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ ހެޔޮކަންތައް ކުރުމަށް ހެޔޮއަޒުމެއްގައި ކުރިއަށް ދިއުމަށް ކަމުގައި ވިދާޅުވަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.