ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްގައި ފަރުވާ ހޯދަމުން ދަނިކޮށް ހޯރަ އިއްބެ ނިޔާ ވެއްޖެއެވެ. އެގިފައިވާ ގޮތުގައި އިއްބެ، ނިޔާވީ ކުއްލިއަކަށް މެއަށް ތަދެއް އަރައިގެން މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ފަރާތެކެވެ. އެމްޑީޕީ ވުޖޫދަށް އައި ހިސާބުން ފެށިގެން ހޯރަ އިއްބެ ވަނީ އެމްޑީޕީއާއި ގުޅި އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވެފައެެވެ.
އެމްޑީޕީގެ ޖަލްސާތަކުން، ކުޅަދާނަ ވާހަދެއްކުންތެރިއެއްގެ ގޮތުގައި ފާހަގަވެ، އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދި އިއްބެއަކީ އެ ޕާޓީން އޭރު ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައްޔާއި އެކި އެކި ހަރަކާތްތަކުގައި އެންމެ ކުރީ ސަފުން ފާހަގަކޮށްލެވުނު ފަރާތެކެވެ.މީގެ އިތުރުން އިއްބެއަކީ ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި ވެސް ރައީސް މުޙައްމަދު ނަޝީދާއެކު ބައިވެރިވެފައިވާ ފަޜާތެކެވެ. އިއްބެ ނިޔާވުމާއި ގުޅިގެން އާއިލާއަށް ރައީސް ނަޝީދު ވަނީ ތައުޒިޔާ ވެސް ކިއުއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.