ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ލ. ބޮޑު ފިނޮޅު ތަރައްގީ ކުރަންފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ ލ.އަތޮޅު ބޮޑުފިނޮޅު ސަރުކާރަށް ނަގާފައިވާކަމަށާއި އެރަށް ފަތުރުވެރިކަމަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާވާނެކަމަށެވެ. ފައިސަލް މިހެން ވިދާޅުވީ ސަރުކާރުން ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީގޮތުން ފުދުންތެރި ސަރަޙައްދަކަށް ލ. އަތޮޅު ހެދުމަށް ސަރުކާރުގެ ވަރަށް ގިނަ ޕްލޭންތައް އެބަހުރިކަމަށްވެސް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން 2008ވަނަ އަހަރު އަމިއްލަ ކުންފުންޏަކަށް ޓްރެއިނިން ރިސޯޓް ހަދަން ދޫކޮށްފައި އޮތް ފަޅުރަށް "ބޮޑު ފިނޮޅު"ގައި އެ މަސައްކަތް ކުރިއަށް ނުދާތީ މިދިޔަ ސަރުކާރުގައި އެ ރަށް ސަރުކާރަށް އަލުން އަނބުރާ ނަގާފައިވާކަމަށވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފައިސަލް ފާހަގަކުރެއްވީ މިހާތަނަށްވެސް މަންފާ ލިބޭގޮތަށް އެރަށް، ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަމަށާއި، ބޮޑުފިނޮޅަކީ މަންފާ ލިބޭ ތަނެއްގެ ގޮތުގައި، ތަރައްޤީކުރެވޭނެ ކަމަށެވެ. މި މަސައްކަތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއަހަރު ބާއްވާ އިންވެސްޓްމަންޓް ފޯރަމްތަކުގައި ހައްދުންމަތި އިޝްތިހާރުކޮށް އިންވެސްޓަރުން ހޯދާނެކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ހާއްސަ ގޮތެއްގައި ސިންގަޕޯ، ދުބާއީ، ތައިލެންޑްގައި އިންވެސްޓްމަންޓް ފޯރަމް މިއަހަރު އޮންނާނެ ކަމަށާއި، އެއް މަސައްކަތެއްގެ ގޮތުން ލ، އަތޮޅުގެ ޕްރޮޖެކްޓްތައް މާކެޓްކޮށް އިންވެސްޓަރުން ހޯދާނަނެ ކަމަށް ވެސް ފައިސަލް ވިދާޅުވެފައެވެ.