ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖަމަންޓް ސެންޓަރަށް ގެންދާ ކުނިވާ ޒާތުގެ ތަކެތި ކަނޑަށް އުކާދޭނެ ބަޔަކު ހޯދަން ކުޑަހުވަދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކުޑަހުވަދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާ ކުނިވާ ޒާތުގެ ތަކެތި ކަނޑަށް އުކައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށް ވަނީ އަންގާފައެވެ.

އަދި ބީލަމުގައި ރަޖިސްޓްރީވުމަށް ކައުންސިލުން ދޫކުރާ ފުރިހަމަކުރުމަށް ފަހު މި މަހުގެ 16 ވާ އަންގާރަ ދުވަހުގެ ކުރިން ހުށަހެޅޭނެ ކަމަށެވެ.

ކަނޑަށް ކުނި އުކަލާދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފައިވާއިރު ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ކުނި އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް މެނުވީ އެއްވެސް ފަރާތަކުން ކުނި އެޅުމަކީ މަނާކަމެކެވެ. އެ ގަވާއިދާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.