އައްޑޫ ސިޓީގެ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ, ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ، ސީއެންއީއީސީގެ މަންދޫބެކެވެ.

ހަންކެޑެ ތަރައްގީކުރަން ހިންގާ 142.9 މިލިއަން ޑޮލަރުގެ މި މަޝްރޫއު ސީއެންއީއީސީ އާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރޗް 30 ގައެވެ.

މި މަޝްރޫއުގެ ދަށުން ހަންކެޑެގައި އެކި ފަންތީ ގެ 2082 ޓޫރިސްޓު އެކޮމޮޑޭޝަން، ފެސިލިޓީތަކެއްގެ ގޮތަށް ގާއިމުކުރާނެއެވެ. އެއީ 600 އެނދުގެ ދެ ގްރޭންޑް ހޮޓެލް، 320 އެނދުގެ ދެ ޑިލަކްސް ހޮޓެލް، 560 އެނދުގެ އަށް ބުޓީކް ހޮޓެލް، 560 އެނދުގެ އަށް ސާވިސްޑް އެޕާޓްމަންޓު، 32 އެނދުގެ އަށް ބީޗް ވިލާ އަދި 72 އެނދުގެ ނުވަ ބީޗް ވިލާއެވެ.