ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ލ އަތޮޅު ގަމުން ދޫކޮށްފައި އޮތް 400 ގޯތި 4000 އަކަފޫޓަށް ބޮޑު ކުރުމުގެ ހުއްދަ އިމާރާތްތަކާއި ބިނާރާއި ބެހޭ ވުޒާރާ (ސަރުކާރުން) އިން ދީފިއެވެ.
މި އޭޕްރީލް މަހުގެ ކުރީކޮޅު ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ގަމު ކައުންސިލާ ބައްދަލު ކުރެއްވުމުން ގަމު ކައުންސިލުން ވަނީ ގޯތިތައް ބޮޑުކޮށްދިނުމަށް އެދިފައެވެ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ގަމުން ދޫކޮށްފައި އޮތް ގޯތިތަކުގެ ސައިޒް ބޮޑުކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ މުއިއްޒުގެ އެވައުދުފުޅާ އެއްގޮތައް އިމާރާތްތަކާއި ބިނާރާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ގަމުގެ ގޯތިތަކުގެ ސައިޒް ބޮޑު ކުރުމުގައި އެ ވުޒާރާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި އެ ހުއްދަ ދެއްވިކަން ގަމު ކައުންސިލަށް ލިޔުމުން އަންގަވާފައެވެ.
މިކަމާ ގުޅިގެން "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން ލާމު ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ، ވިދާޅުވީ ގަމު ގޯތިތަކުގެ ބޮޑުމިން ހަތަރުހާސް އަކަފޫޓަށް ބޮޑު ކުރުމާމެދު އެކަމާ ބެހޭ ވުޒާރާ، އިމާރާތްތަކާއި ބިނާރާއި ބެހޭ ވުޒާރާއިން އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ލިބިވަޑައިގެންފައިވާ ކަމަށާއި، މި ބަންދު ދުވަސްތައް ނިމި ސަރުކާރު ހުޅުވުމުން މިކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.
ގަމުން ގޯތިތައް ދޫކޮށްފައި އޮތީ 2000 އަކަފޫޓުންނެވެ. 2019 ވަނަ އަަހަރުން ފެށިގެން ގަމު ކައުންސިލުން އަންނަނީ އެގޯތިތަކުގެ ސައިޒް ބޮޑު ކޮށްދިނުމަށް ސަރުކާރުގައި އެދެމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އެތައް ފަހަރަކު ގަމު ކައުންސިލުން ވަނީ ގޯތިތަކުގެ ސައިޒް ބޮޑުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ކުރީގެ ސަރުކާރުން އޮތީ ހަމަޖައްސަވައި ނުދެއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.