މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު 'އެކްސް.ކޮމް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަޒީރު ސައީދު ވިދާޅުވީ އެމްއައިއެފްއެސްއޭގެ ގަވަނިން ބޯޑް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކަމަށާއި އެންމެން ގުޅިގެން ކުރާ މަސައްކަތުން މާލީ ދާއިރާ އަށް ބަދަލު ގެނައުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ފުރިހަމަވެގެންދާނެކަން ޔަގީންކަން އޮތްކަމަށެވެ.
އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި، ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމަނުއްވައި، މިއަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ. އަދި މިނިމުނު އޭޕްރީލް މަހު ވަނީ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް ވެސް އުފައްދާފައެވެ.
މީގެ ދެމަސްދުވަސް ކުރިން ވަޒީރު ސައީދު ވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް މި އަހަރުތެރޭގައި އެޅުމަށްފަހު ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތެވެ. މި ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.
އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.