ސިނާއީ ބޭނުމަށް ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފިއެވެ.
ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައިކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް އިއްޔެ ހުޅުވާލާފައިވާއިރު، ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތައް ކަމަށްވެސް އެޗްޑީސީންް ވަނީ ބުނެފައެެވެ.
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް އިއްޔެ ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ތިލަފުށިން ވިއްކާ ބިމުގެގެ ތެރޭގައި 2500 އަކަފޫޓާއި، 4999 އަކަފޫޓްގެ 64 ބިމެއް އަދި 5000 އަކަފޫޓާއި، 9999 އަކަފޫޓގެ 42 ބިމެއް އެބައޮތެވެ. އަދި 14999، 10000 އަކަފޫޓްގެ 2 ބިމެއް އޮތްއިރު، ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުންް ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެެވެ.
ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1700 (އެއް ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ.
އެޗޑީސީން ބުނީ ޝައުގުރެވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި އެ ކޯޕަރޭޝަންގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނުވަތަ އެ ކޯޕަރޭޝަނަށް އީމެއިލް ކުރުމުންވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ތިލަފުށީގެ 1 ވަނަ ފިޔަވަހިން މިހާރު ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތު ހުޅުވާލުން
ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކަމަށާއި، އެހެންކަމުން، ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެވުމަށް ވެސް ވަނީ އެދިފައެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަގޮތް ހެދުމުގެ އިތުރުން މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށްވެސް ބުނެފައި ވެެއެވެ.
ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން ރަށެކެވެ. އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެންހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.