ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަންނަނީ ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ތަރައްޤީ ކުރާ 3,260 ފްލެޓާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން ހުޅުމާލޭގައި ތަރައްޤީ ކުރާ 1,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްއިން އަޅާ ޔުނިޓްތަކުގެ އަދަދު 4,000 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ލޯނު އެހީގެ ދަށުން ގުޅީފަޅުގައިވެސް 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ޕީޕީޕީ މޮޑެލްގެ ދަށުން އިތުރު ބިންތަކެއް ހަވާލުކޮށް، ކޮންޓްރޯލް އަގެއްގައި ފްލެޓްތައް ވިއްކުމަށް ފުރުޞަތު ދޭނެ ކަމަށެވެ. "މި ދައުރު ނިމެންވާއިރަށް މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ތަސައްލީއެއް ހޯދައިދެވޭނެ،" ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރަތަމަ ސްކީމަށް ޖުމްލަ 58,505 އެޕްލިކޭޝަން ލިބިފައިވާއިރު، އޭގެ ތެރެއިން 35,930 ފަރާތަކީ ފްލެޓަށް އެދިފައިވާ ފަރާތްތަކެވެ.
އަތޮޅުތަކުގެ ތަރައްޤީއަށް ބަލާއިރު، 13 ރަށެއްގައި ހައުސިން މަޝްރޫޢުތައް ހިންގަން މިހާރު ވަނީ ހަވާލުކޮށްފައެވެ. އެންމެ ބޮޑު މަޝްރޫޢެއް ކުރިއަށްދަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގައި އަލަށް ފަށާ 2,000 ޔުނިޓްގެ އިތުރުން، ކުރިން ހުއްޓިފައި އޮތް 400 ޔުނިޓްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން 13 ރަށެއްގައި 2,100 ޔުނިޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުތަކުގެ ދަށުން އިމާރާތްކުރާ ހުރިހާ އެޕާޓްމަންޓްތަކަކީވެސް 3 ކޮޓަރީގެ، ފެންވަރު ރަނގަޅު ތަންތަނެވެ. ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ޑިވެލޮޕަރުން ޖެހޭނީ 2 އަހަރު ތެރޭގައި މަސައްކަތް ނިންމާށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.