ރާއްޖެ ކަހަލަ ވަރި ގިނަ ގައުމެއްގައި ބައިވެރިޔާ ބޭވަފާތެރިވުމަކީ މިއީ އާ ކަމެއް ނޫނެވެ. އެތަކެއް ކައިވެންޏެއް ނުވަތަ އެހެންވެސް ގުޅުންތައް ކެނޑިގެންދަނީ ކޮންމެވެސް އެކަކު ބޭވަފާތެރިވެގެންނެވެ. ރާއްޖޭގައި ނޫނަސް ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވެސް މިއީ ހައްލުވާނެހެން ހީވާ ވަރަށް ވުރެ މާބޮޑަށް ވެސް ފުޅާވެފައި އޮތް ކަމެކެވެ. މި އާޓިކަލްގައި ދައްކަން މިއުޅެނީ ބޭވަފާތެރިކަމަށް ކުޅަދާނައީ ފިރިހެން މީހާތޯ ނުވަތަ އަންހެން މީހާތޯ އާ މެދު ކުރެވޭ ސުވާލާ ބެހޭ ގޮތުންނެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އެއްގެ ދަރިވަރުންތަކެއް ހެދި ދިރާސާއަކުން ދެއްކި ގޮތުން ފިރިހެނުންނަށް ވުރެ އަންހެނުން ބޭވަފާތެރިވުމުގައި ކުޅަދާނަ އެވެ. ބުނަން މިއުޅޭ ވާހަކަ އަކީ ބައިވެރިޔާ އަށް ނޭނގި އެހެން މީހަކާ ބާއްވާ ގުޅުން ގިނަ ދުވަހަށް "ބަސްޓު" ނުވެ ދެމެހެއްޓުމުގައި އަންހެނުން ކުޅަދާނަ ވާހަކަ އެވެ. ބައިވެރިޔާގެ އިތުރުން ދެން ގުޅުން އޮންނަ މީހާއާ ދެމެދު އެ އޮންނަ "އޮފީސް ލޯބި" ނުވަތަ އެނޫންވެސް ލޯތްބެއް ފޮރުވަނަ އަންހެނުން މޮޅު ކަމަށް އެ ދިރާސާއިން ދެއްކި އެވެ. މިއީ ހުރިހާ އަންހެނުންގެ ވާހަކަ އެއްވެސް ނޫނެވެ. އެހެންނަމަވެސް، އެ ދިރާސާ އިން ދެއްކި ގޮތުގައި އަންހެނުންނަކީ ނަފުސާނީ ގޮތުން ފިރިހެނުންނަށް ވުރެ ދޮގު ހަދަން މޮޅު ބައެކެވެ. އަދި ކަމެއް ރާވާނަމަ ދުރާލާ ވިސްނައިގެން، ޕްލޭން ކޮށްގެން އެކަމެއް ކޮށް އުޅޭ ބައެކެވެ. މީގެ އިތުރުން ކުއްލި ހާލަތެއްގައި ޖަވާބުދާރީވުމުގައި ވެސް އަންހެނުން ފިރިހެނުންނަށްވުރެ ކުޅަދާނަ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި އަންހެނުންގެ ތެރެއިން ބޮޑަށް ބޭވަފާތެރިވަނީ ވަޒީފާ އަށް ދާ އަންހެނުންނެވެ. ގުޅެނީ ވަޒީފާގެ މާހައުލުގައި އުޅޭ ކޮންމެވެސް ފިރިހެނަކާ އެވެ. ބޭވަފާތެރިވުމުގައި އެކި އެކި ސަބަބުތައް އޮންނައިރު ރަނގަޅަށްވެސް ލޯބި ވެގެން ބައެއް އަންހެނުން ބޭވަފާތެރިވާއިރު އަނެއް ބައި އަންހެންވެރީން އެ މީހުންގެ އޮފީސް ވެރީންގެ މަޅީގައި ޖެހި ފައިސާ އާއި އެނޫންވެސް ވަޒީފާގެ މާހައުލުގައި ލިބޭ އެކި އެކި ފައިދާ ތައް ހޯދަން ބައިވެރިޔާ އަށް ބޭވަފާތެރިވެއެވެ.