އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް 7 ބުރީގެ އައު ޢިމާރާތެއް އިތުރުކުރުމަށް ނިންމައިފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. އިބްރާހީމް ޔާސިރު ވިދާޅުވީ ހޮސްޕިޓަލަށް ޖާގަ އިތުރުކުރަން އެ ސަރަހައްދުގައި ހަތް ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ. މިއީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކުރާ އިމާރާތެކެވެ.
ޑރ. ޔާސިރު ވިދާޅުވީ މިހާރު ޕްލޭން ކޮށްފައިވަނީ ހޮސްޕިޓަލްގެ އިމަޖެންސީ ފަޅިން ކަނާތް ފަޅީގައި އާ އިމާރާތް ހެދުމަށް ކަމަށާއި ނަމަވެސް ކުޅި ނުހިއްކައި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
އަދި އިމަޖެންސީ ފަޅިން ކަނާތު ފަރާތުގައި ޢިމާރާތް އަޅަނީ ދެ ޢިމާރާތް ގުޅާލަން ފަސޭހައަށް ކަމަށް ޑރ. ޔާސިރު ވިދާޅުވިއެވެ. އޭގެ އިތުރުން މި މަޝްރޫޢަކީ ކުރިންވެސް ޕްލޭން ކުރަމުން ދިޔަ ކަމެއް ކަމަށާއި އޭރު އެޗްޕީއޭގެ ހުއްދަ ވެސް އޮތީ ލިބިފައި ކަމަށް ޑރ. ޔާސިރު ވިދާޅުވިއެވެ.
“ބައެއް ބަދަލުތައް ގެނެސް އާ ޕްރޮޖެކްޓެއް ގޮތަށް މިކަން މިހާރު ކުރަމުން އަންނަނީ.” ޔާސިރު އިތުރަށް ވިދާޅުވި އެވެ.
އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓު ބާއްވަން، ހިތަދޫގެ ކުޅި ހިއްކައިގެން ހެދި ކޮންވެންޝަން ސެންޓަރެވެ. ނަމަވެސް، އައްޑޫގައި ހޮސްޕިޓަލަށް ވަކިން އިމާރާތެއް ހެދުމުގެ ބަދަލުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވަނީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ.
ޚިޔާލު (1)
ބަލަ، ޕްލޭނެއް ނެތި ކަންކަން ނިންމާނަމަ ތިކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ. މިހާރުވެސް ތިޔަ ހޮސްޕިޓަލުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާފައި ދެވޭނީ ގާތްގަނޑަކަށް 5 މިނިޓުން. އަދި ބަލި މީހަކު ގޮވައިގެން ހިނގާފައި ދެވޭނީ 8-9 މިނިޓުން. އެކި ޚިދުމަތް އެކި ކޮޅުން ދެމުން އަންނަ ތަނެއްގައި އިތުރު އިމާރާތެއް އައިސް އެތަނުގެ ޚިދުމަތް ވެސް ދެ އިމާރާތަށް ބަދަލުކޮށްލާނެ. ދެން ރައްޔިތުމީހާ ޖެހޭނި ޓެކްސީގައި މި ހުރިހާ ތަނަކަށް ދާން.. ބަގީ ގަނޑެއްވެސް ހުންނާނެކަމަށް ހީނުވޭ.