ހުޅުހުޅުގައި ރިއްސުމާއި މައިބަދައިގައި އާއްމުކޮށް ރިއްސުމަކީ ދިވެހިންނާ ވަރަށް ރައްޓެހި ތަދެކެވެ. ދިވެހިންނާއި މިފަދަ ތަދުތަކާ އޮންނަ ގުޅުމުގެ ސަބަބުން އާއްމުކޮށް މި ފަދަ ސިމްޕްޓަމްތައް ފެންނަ "ރޫމަޓޮއިޑް އާތްރައިޓިސް" ދިވެހިންގެ މެދުގައި މަޝްހޫރުވެފައި އޮންނަނީ ރާއްޖެ ބަލީގެ ގޮތުގަ އެވެ. އާތުރައިޓިސްއަކީ ހަށިގަނޑުގެ ހުޅުތައް ދުޅަވުމާއެކު، މަޑުވުމަށް ދިމާވާ ހާލަތެކެވެ. މި ހާލަތުގެ މައިގަނޑު އަލާމާތްތަކަކީ ހުޅުތަކާއި ކަށީގައި ރިހުމެވެ. އުމުރުން ދުވަސް ވާ ވަރަށް ރިހުން ގޯސް ވެ އެވެ.

ދިރިއުޅުމުގައި ވައްޓަފާޅި ބިނާ ކުރާ ގޮތުގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ. ރާއްޖެ ބަލި ނުވަތަ އާތުރައިޓިސް ހުންނަ މީހުންނަށް މިއީ ވިސްނަން ވަރަށް މުހިއްމު ކަމެކެވެ.

މި ފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން، އެ މީހުންގެ އާއްމު ދިރިއުޅުމުގައިވެސް، އެކި ގުޅުންތަކާއި ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންތައްތަކަށް ވެސް ބުރޫ އަރާ ހިސާބަށް ދާ ދުވަސް ވެސް އާދެ އެވެ. އާތުރައިޓިސްއާ ގުޅިގެން ދިމާވާ ތަދުތަކާއި ރިހުންތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން މެނޭޖު ކުރެވިދާނެ ކަމެކެވެ. އާތުރައިޓިސްއާ ގުޅިގެން ދިމާވާ ތަދުތައް ކޮންޓްރޯލް ކުރުމަށް މުޅި ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުން މުހިއްމެވެ. އެގޮތުން ހަށިގަނޑު ރަނގަޅު ބަރުދަނެއްގައި ދެމި ހުންނަން ޖެހެ އެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ތެރޭގައި ކަށިތަކާއި ހުޅުތަކުގެ ދުޅަހެޔޮކަން ހިމެނެ އެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން ހުޅުތަކަށް އިތުރު ބުރަ އުފުލަން ޖެހުމަކީ އާތުރައިޓިސްގެ ރިހުން ގޯސް ކުރާނެ ކަމެކެވެ. ގަވާއިދުން ކަސްރަތުކޮށް، ރަނގަޅު ބަރުދަނެއްގައި ދެމިހުރުމުން ރިހުންތައް ކޮންޓްރޯލް ކުރެވޭނެ އެވެ. މީގެ އިތުރުން ލޯ ފެޓް، ލޯ ކެލޮރީ ކާ އެއްޗެހި ހިޔާރު ކުރާށެވެ. ގިނަ ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް ކެއުންތައް ރާވާށެވެ. ކަށިތަކާއި ހުޅުހުޅުގައި ރިހުމުގެ ސަބަބުން ސްޓްރެސްވެ، ޑިޕްރެސްވުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް މިފަދަ ޝުއޫރުތަކުގެ ސަބަބުން އެ ރިހުންތައް އިތުރަށް ގޯސްވުމަކީ ވެދާނެ ކަމެކެވެ. ޑިޕްރެޝަނާއި އެންޒައިޓީއަކީ ހިތުގެ ބަލިތަކާއި އާތުރައިޓްސް ފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ވެސް ވަނީ ދައްކައިފައެވެ. ސްޓްރެސް ލެވެލް މެނޭޖު ކުރުމަށް ޗުއްޓީއެއް ނެގުން ފަދަ ކަމެއް ކުރެވިދާނެ އެވެ. ނަމަވެސް ޗުއްޓީގައި ވެސް ގަވާއިދުން ބޭސް ކައި، ކަސްރަތު ކުރުމަށް ސަމާލުކަން ދޭން ޖެހެ އެވެ. މީގެ އިތުރުންވެސް، ސްޓްރެސް ފިލުވުމަށްޓަކައި ކޮންމެ ރެއަކު މަދުވެގެން އަށް ގަޑިއިރު ނިދި އަދި ގަވާއިދުން ދުވާލު ގަޑީގައި އަރާމު ކުރުމަކީ ވެސް ކުރެވިދާނެ ކަންތަކެވެ. ސްޓްރެސް މެނޭޖް ކުރި ވަރަކަށް އާތުރައިޓިސްގެ ސަބަބުން ދިމާވާ ތަދުތަކަށް ލުއި ލިބުން ފަސޭހަވެގެންދެ އެވެ.