ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކެއްވާ ކަމަށާއި، ނަމަވެސް ހިތްދަތި އިހުސާސްތަކެއް ކުރުވަނީ ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީން ފެންނަމުންދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީން ތިބި ކަމަށާއި، އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އެންމެންގެވެސް ދަރީން ކަމުގައި ހަދަންޖެހޭ ކަމަށެވެ.
"މިއަދު އަޅުގަނޑަށް ހިތާމަވެރި އަސަރުކުރުވާކަމެއްވެސް އެބައޮތް. އެއީ، ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީން. ފަލަސްޠީނުގެ ބިމުން އަނިޔާ ލިބި، ބިކަވަމުންދާ ކުދިންފެނި ކުޑަކުދިންގެ ދުވަހުގައި އުފަލަށްވުރެ އިހުސާސްވަނީ ހިތްދަތިކަން" ރައީސް
ރައީސް ފާހަގަ ކުރެއްވީ ކުޑަކުދީންގެ ޙައްޤުތައް ރައްކައުތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެެއިން ވެސް ވަނީ ބައިވެރިވެފައި ކަމަށެވެ. އެގޮތުން ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ޤާއިމު ކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައި ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރު އެތައްކަމެއް ކޮންމެ ސަރުކާރަކުންވެސް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމަކީ ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއްކަމަށާއި، އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގު ދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުން ކަމަށެވެ. ކަންމިހެން އޮތުމުން ކުޑަކުދީންނަށް އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދޭނެ ކަމަށާއި، ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނެ ކަމަށާއި، ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ ނުހަނު ހުޝިޔާރުވެ ތިބެން ކަމަށެވެ.
"ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެންޖެހޭ. ސަރުކާރުން މި ހުރިހާ ކަމެއްގައި ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނަން" ރައީސް
މި ޤައުމުގެ ކުރިމަގަށް މިކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީން ކަމަށާއި، ދެލޯނޭދި އެދޭ މި ލޮބުވެތި ދަރީން މިކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދައެއް ނުދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.