ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަހަރު ތެރޭގައި 50 ރަށެއްގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އެއްފަހަރާ ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ ހދ. މަކުނުދޫ އަށް ވަޑައިގެންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އައު އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމުގައި ގުޅޭ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށް ޚާއްސަ އުޞޫލެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑައަޅާފައިވާ މިންގަނޑަށް ބަލައިގެން ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ކަނޑައެޅުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަޞީލަތްތައް ޗައިނާ ސަރުކާރުން ހިލޭ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މި އޮފީސް އިމާރާތްތައް ތަރައްޤީ ކުރާނީ އެކަށީގެންވާ ޖާގައާއި ޒަމާނީ ވަޞީލަތްތައް ހިމަނައިގެން ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ޤާއިމު ކުރެވޭނެ އިންތިޒާމްތަކާއެކުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކައުންސިލްތައް ބާވުމުގެ އިތުރުން ލާމަރުކަޒީ ނިޒާމް ތަޢާރަފްކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ނޫން. ނަތީޖާއަކަށްވީ އެއްވެސް ވަރެއްގެ ޖާގައެއް އޮފީސް އިމާރަތުގައި ނެތި މަސައްކަތް ކުރަން ޖެހުން. އަދި އިންސާނީ ވަޞީލަތްތައް އިތުރުކުރެވޭނެ ގޮތެއް ނެތް. މި ޒަމާނުގައި ބޭނުންވާ ޓެކްނޮލޮޖީ ވަޞީލަތްތައް އިތުރުކުރެވޭނެ ޖާގައެއް ނެތް،" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ސަރުކާރުން ނިންމަވާފައިވަނީ ފެންވަރު ރަނގަޅު ޖާގަ ތަނަވަސް ކައުންސިލް އޮފީސްތައް ޤާއިމު ކުރުމަށެވެ. އޮފީސްތައް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި އިސްކަން ދެނީ އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އާބާދީގެ ގޮތުން އެކަމަށް އެންމެ ބޭނުންޖެހިފައިވާ ރަށްތަކަށެވެ. އަދި އޮފީސް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.