މިއަަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، އައްޑޫ ސިޓީގެ އެކި މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް, 16 ޖޫން އިން 22 ޖޫން 2024ގެ ނިޔަލަށް ހަތް ދުވަހަށް ބަހާލައިގެން އައްޑޫ ސިޓީގެ ހަ އަވަށުގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އީދުގެ މުނާސަބަތުގައި އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އިއުލާންގައިވެއެވެ.
މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
- 1 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
- 2 ވަނަ އިނާމު: 7،500 ރުފިޔާގެ ފާއިސާގެ އިނާމް
- 3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް
މުބާރާތުގައި ބައިވެރިވުމަށް ކޮންމެ މުއައްސަސާއެއް ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ އީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
- މުބާރާތުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް، ޒީނަތްތެރިކޮށްފައިވާ ތަނުގެ ފޮޓޯ ހުށަހަޅަންވާނެ ކަމަށާއި ހުށަހެޅޭ ހުރިހާ ފޮޓޯއެއްވެސް ހުންނަން ވާނީ ލޭންޑްސްކޭޕްކޮށް ކަމަށާއި އޮފީހެއް ނުވަތަ ވިޔަފާރިކުރާ ތަނަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހިއްސާކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
- ކައުންސިލުން ބުނީ މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެން ކަމަށެވެ. މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 21 ޖޫން ވާ ހުކުރު ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
- އެންމެ ގިނަ ލައިކް އަދި ހާރޓް ރިއެކްޓް ލިބޭ 10 ފަރާތެއް ހޮވާ، ފަނޑިޔާރުންގެ ޕެނަލުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާލެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 17 ޖޫން ވާ ހޯމަ ދުވަހު ރޭގަނޑު 22:00ގެ ނިޔަލަށެވެ. މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 23 ޖޫން ގައެވެ.
- މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މުއައްސަސާތައް ނުވަތަ ވިޔަފާރިކުރާ ތަން ދިއްލާ ޒީނަތްތެރި ކުރެވިފައިވޭތޯ އެ އަވަށެއްގެ އަވަށު އޮފީހުން ބަލައި ޔަގީން ކުރެވިގެންދާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅާ ނުވަތަ media@adducity.gov.mv އަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ގޫގުލް ފޯމް: https://forms.gle/Cp5X3kK7vWv7DjSk8
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.