މިހިނގާ މެއިމަހުގެ 5 ވަނަ ދުވަހު ހުޅުމާލޭ އެމްޑަބްލިއުއެސްސީ ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ހާދިސާ ހިނގިތާ 10 ދުވަހަށް ފަހު މިއަދު ފުލުހުން މީޑިއާއަށް ހިއްޞާކުރި މައުލޫމާތުގައި ބުނީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ މެއި މަހުގެ 5 ވަނަ ދުވަހުގެ 3:26 ހާއިރު ހުޅުމާލޭ އެމްޑަބްލިއުއެސްސީ އިމާރާތް ކައިރިން ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ އެމީހާ ދުއްވި ސައިކަލް ކަހާލައިގެން ވެއްޓުމުގެ ސަބަބުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑިކޭއަށް ގެންދިޔަކަމަށެވެ. އަދި އެ ޒުވާނާ ނިޔާވެފައި ވަނީ، އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ 00:50 ހާއިރު، ކަމަށް ފުލުހުން މިއަދު ބުނެފައި ވެއެވެ.
ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.