ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އެޕޯލޯ ޓަވަރުގެ ފެންސުތައް ވަޔާދާތީ އެމަގު ބަންދުކޮށްފިއެވެ،

އެކްސް،ކޮމްގައި ކުރި ޕޯސްޓެއްގައި ފުލުހުން އެ އިމާރާތުގައި ޖަހައިފައިވާ ފެންސުތައް ވަޔާދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް ބުނީ  "ކޮންސްޓްރަކްޝަން ސައިޓުތަކުގައި މޫސުން ގޯސްވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ސޭފްޓީ ޕްރޮޓޮކޯލް އޮންނަ ޖެހޭ. މި ވީޑިއޯއިން މި ފެންނަ ފަދަ ކަމަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިންމު،" ކަމަށެވެ.

ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި، ގުގުރައި އަދި ގަނޑިއަކު 19 މޭލާއި 25 އާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގަދަ ވައިގެ ސަބަބުން ސިނަމާލެ ބުރިޖުމަތިން ދަތުރުކުރާ ފަރާތްތަކަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސަން ދިޔަ ދެ މަތިންދާބޯޓެއް ވެސް ދަތިތަކެއް ދިމާވުމުގެ ސަބަބުން ވަނީ ގޯ އެރައުންޑް ހަދައިފައެވެ.