ފަރެސްމާތޮޑާ ދާއިރާގެ އިންތިހާބީ މެމްބަރު އަޝްރަފް ރަޝީދު އެދާއިރާއަށް މިއަދު ވަޑައިގަތުމުން ރަތަފަންދޫއިން ލޯތްބާއި އެކު ރައްޔިތުން ރަތް ދޫލައިގެ މަރުޙަބާއެއް އަޝްރަފް ކިޔައިފިއެވެ.
21 އެޕްރީލްގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުން ބަލިކޮށް ބޮޑު އައުލަބިއްތަޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަޝްރަފްއެވެ.
މިއަދު އަޝްރަފް އެދާއިރާއަށް ވަޑައިގެންފައިވާއިރު، ދާއިރާގެ ގިނައަދަދެއްގެ ރައްޔިތުންވަނީ އަޝްރަފަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ވަޑައިގެންފައެވެ.
މި ދަތުރުގައި އަޝްރަފްވަނީ ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ އޮފީސް ފުޓްސަލް މުބާރާތުގައި ފައިނަލްމެޗް ވެސް ބައްލަވާ ލައްވާލައްވާފައެވެ.
އެދާއިރާގެ 3 ރަށް އޮންނައިރު، ފަރެސްމާތޮޑާއަކީ އަޝްރަފްގެ އަމިއްލަރަށެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބައްލަވާލެއްވުމެވެ.
އަޝްރަފް މިފަހަރު ޕީއެންސީން މަޖިލީހަށް އިންތިހާބުވެފައިވާއިރު، އޭނާ އަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. މަޖިލީހަށް އިންތިހާބުވި ޕީއެންސީގެ 73 މެމްބަރުންގެ ތެރެއިން އަޝްރަފް ހިމެނިގެންދާއިރު ޕީއެންސީން ދަނީ އާ މަޖިލިސް ހުވާ ކުރުމާއި ހަމަޔަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
އާ މަޖިލިސް ހުވާކުރުން އޮތީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.