ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ސައިންޓިފިކް ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
ވަޒީރު ވިދާޅުވި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި، ރާއްޖެއަށް ޙައްޤުވާ ފުރިހަމަ އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށާ އެގޮތުން ބަލާއިރު، މި ސިމްޕޯޒިއަމްގައި ހުށަހެޅޭ ޢިލްމީ މަސައްކަތްތަކަކީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރިއަށް އޮތް ދެ ދުވަހު މި ސިމްޕޯޒިއަމްގެ ތެރެއިން ބަދަލުކުރެވޭ މަޢުލޫމާތާއި ޢިލްމީ ހޯދުންތަކަކީ، ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ބޭނުންކުރުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ޤައުމަކަށް، ކަނޑުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމާ އެއްވަރަށް، ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ފާޙަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ، އުއްމީދަކީ، ބައިނަލްއަޤްވާމީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުން ކަމަށެވެ. އަދި މިފަދަ ގުޅުންތަކަކީ ހަމައެކަނި ޢިލްމު އުނގެނުމަށް އޮތް ފުރުޞަތެއް ނޫން ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުގެ ސައިންސްވެރިންނާއި، ދިރާސާވެރިން އަދި ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ރާއްޖޭގެ އެންމެ ބޮޑު ޤުދުރަތީ ރަޙުމަތް ކަމުގައިވާ ކަނޑުފަޅުގެ މާޙައުލު ރައްކާތެރިކުރުމަށް އަންނާން އޮތް ޖީލުތައް ތައްޔާރުކުރުމުގެ ގޮތުގައިވެސް ވަޒީރު ވަނީ ސިފަކުރައްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.