ދެން ދުވަހަކު ވެސް ލަވަ ނުކިޔާނެ ކަމަށާއި މި ދުނިޔޭގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އެއްބަނޑު އެއްބަފާ ކޮއްކޮ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓާލާ ދުވަސް ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފުންނާބު އުސް ލަވަކިޔުންތެރިޔަކަށްވެ ހުރެމެ، ލަވަކިޔުމުގެ ދާއިރާއާއި މުޅިން ދުރަށް ޖެހި، އަލީރަމީޒު ލަވަކިޔުން އެއްކޮށްހެން ހުއްޓާލާފައިވަނީ 2003 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް އައިއިރުވެސް އަދިވެސް ލަވައިގެ ދުނިޔޭގައި އަލީރަމީޒުގެ އަޑު ފަނޑުނުވުމަކީ ހަގީގަތެއްްވެސްމެއެވެ. އަދި މިއީ އަލީރަމީޒު އެއްވެސް ގޮޮތަކަށް ރުހިލައްވާ ކަމެއްނޫންކަން ވެސް ފާހަގަކޮށްލަމެވެ.
2003 ވަނަ އަހަރު ލަވަކިޔުމުގެ ދާއިރާއާ އެއްކޮށްހެން ދުރުވުމަށްފަހު އިސްލާމްދީނުގެ ކަންކަމުގައި، ވަގުތު ހުސްކުރައްވައިގެން އަލީރަމީޒު އުޅުއްވާތާ މިހާދުވަސް ވީއިރު އޭނާގެ ކޮއްކޮ އިބްރާހީމް ރަމީޒުވެސް ވަނީ ލަވަކިޔުމާ މުޅިން ދުރަށްޖެހި ދީނީ ކަންކަމުގެ ތެރޭ މަޝްއޫލުވެ މަދަހަ ކިޔުންފަދަ ކަންކަމުގެ ތެރޭ އުޅެމުން އަންނައިރު ރާއްޖޭގެ ނަން މަޝްހޫރު އެހެނިހެން ބައެއް ލަވަކިޔުންތެރިންވެސް އަލީރަމީޒު ފަދައިން ލަވަކިޔުމާއި އެ މަޝްހޫރުކަމާއި އެ ދުނިޔެއާ ވަނީ ދުރަށް ޖެެހިފައެވެ. އޭގެ ތެރޭގައި ބާރީ، ޓްރިއޯ ޝިފާއު ފަދަ ފަރާތްތައް ފާހަގަކޮށްލެވެއެވެ.
އެހެން ނަމަވެސް އަލީރަމީޒުގެ އަންހެން ކޮއްކޮ ރާފިއަތު ރަމީޒާ ލަވަކިޔުމާ އެއްވެސް ވަރަކަށް ދުރުނުވެ އަދިވެސް ލަވަކިޔުމާއި ލަވަކުޅުން ފަދަ ކަންތައް ކުރާތ، ލަވައާއި މިޔުޒިކާއި ކެރިއޯކޭ ފަދަ ކަންކަމާ ދެކޮޅަށް އަލީރަމީޒު ދެއްވާ ނަސޭހަތްތަކާއި ބުނުއްވާ ބަސްތަކަށް ރައްދު ދީ، ބަސްބުނާ މީހުން ވަރަށްވެސް ގިނައެވެ.
އެގޮތުން ދާދިފަހުން ކެރިއޯކޭ ޖެއްސުމާ ގުޅޭގޮތުން އެކަމާ ދެކޮޅު ހައްދަވައި އަލީރަމީޒު ހިއްސާކޮށްފައިވާ އެފްބީ ޕޯސްޓަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި "އަލީރަމީޒު ވެއްޖެނު އެންމެ ފުރަތަމަ ރާފިޔަތު ރަމީޒާ ލަވަ ކިޔުން ހުއްޓުވަން، އޭނާއަށް ނަސޭހަތް ދީބަލަ ފުރަތަމަ، އޭނަ ލަވަ ކިޔުން އޯކޭތަ؟" މިފަދައިން ލިޔެފައިވާތީ، އަލީރަމީޒު ވަނީ އެކޮމެންޓަށް ޖަވާބުވެސް ދެއްވާފައެވެ.

ފޭސްބުކްގައި އަލީރަމީޒަށް މީހަކު ކުރި ކޮމެންޓާއި އަލީރަމީޒު ދެއްވި ޖަވާބު
"ހުސައިންޖަލީލު، ރާފިޔަތު ލަވަކިޔުން ހުއްޓާލުމަކީ މިދުނިޔޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއްދުވަސް، ﷲ އަޅުގަނޑަށް އެ ދުވަސް ދައްކަވާށި، އާމީން!"
އެކޮމެންޓަށް އަލީރަމީޒު ދެއްވި މި ޖަވާބަށްފަހު އެހެން ފަރާތްތަކުންވެސް އެކޮމެންޓަށް ޖަވާބު ދީފައިވެއެވެ. އޭގެ ތެރޭގައި ބައެއް ކޮމެންޓުތަކުގައި އަލީރަމީޒު، ރާފިޔަތު ރަމީޒާއަށް ނަސޭހަތް ނުދޭކަން އެނގެނީ ކިހިނެއްތޯ އަހައި، ނަސޭހަތް ދޭކަމަށް ބުނެފައިވާ ކޮމެންޓުވެސް ހުއްޓެވެ.
އަލީރަމީޒު ލަވަކިޔުން ހުއްޓާލި ނަމަވެސް، އަލީރަަމީޒު މަދަހަ ކިޔުއްވައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.