ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި ބަންގްލަދޭޝް މުވައްޒަފު ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް ފުލުހުން އެެދިއްޖެއެވެ.
މެރަދޫ ރިސޯޓުން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލިފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަން އުޅޭ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މި މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ނަވީރު 3:54 ހާއިރުއެވެ.
މައުލޫމާތު ލިބުމާއެކުހެން އެމްއެންޑީއެފުން ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ މީހާ އެންމެ ފަހުން ފެނިފައި ވަނީ ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުއްޓާއެވެ.
އެ މީހާ މޫދަށް ފޭނީ ކަޔަކެއްގައި ކަމަށް ރިސޯޓުން ލަފާ ކުރާކަމަށާއި އެގޮތަށް ލަފާ ކުރަން ޖެހުނީ އެމީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް މަދުވެފައިވާތީ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ނުފެނިގެން ހޯދަމުންދާ މީހާ އަދި ކަޔަކް ބޯޓު ފެނިއްޖެނަމަ 3322111 އަށް ނުވަތަ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6842557 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.