އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނި ކޮށްފައިވެ ދުނިޔެ ދޫކުރާ އަންހެންމީހާއަށް ސުވަރުގޭގައި ވާނި ކޮން ފިރިއަކާ އެކުގައި ހެއްޔެވެ؟
މި މައްސަލައިގައި ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ. އެއީ މަޝްހޫރު ތިން ބަސްފުޅެއްގެ މައްޗަށެވެ.
ފުރަތަމައީ : ކައިވެނިކޮށްފައިވާ ފިރިންގެ ތެރެއިން ސުވަރުގޭގައި އަންހެން މީހާއެކުގައިވާނީ، އެ ފިރިންގެ ތެރެއިން އަންހެން މީހާ އެކުގައި ދުނިޔެމަތީގައި އެންމެ ރިވެތި ޚުލުޤުގައި އުޅުނު ފިރިހެން މީހާ އެވެ.
(މި ޤައުލުގެ މައްޗަށް ބިނާކޮށްފައިވާ ރިވާޔަތްތަކަކީ ވަރަށް ބަލިކަށި އަދީ ޘާބިތު ނޫން ދަލީލުތައް ކަމުގައި ވެ އެވެ.)
ދެވަނައީ : އަންހެން މީހާއަށް، ޤިޔާމަތް ދުވަހުގައި އެ ފިރިންގެ ތެރެއިން އިޚްތިޔާރު ކުރުމަށް ފުރުސަތު ލިބިގެން ދިއުމެވެ. މާނައީ، އަންހެން މީހާ އެފިރިންގެ ތެރެއިން ބޭނުންވާ އަދި އެދޭ ފަރާތެއް އިޚްތިޔާރު ކުރާާނީ އެވެ.
(މި ޤައުލަކީވެސް އޭގެ މައްޗަށް ޘާބިތުވާ ޙުއްޖަތް ނެރެވޭ ވަރަށްވުރެ ބަލިކަށި ޤައުލެކެވެ. ޔަޢުނީ އެއަށް ބާރުދެނެވި ގަދަކަން ދެވޭނެ އެފަދަ ދަލީލެއް ނެތެވެ.)
ތިންވަނައީ : އަންހެން މީހާ ޤިޔަމާތް ދުވަހުގައި ވާހުށީ އެންމެ ފަހުން ދުނިޔެ މަތީގައި ކައިވެނިކުރި ފިރިމީހާއާ އެކުގަ އެވެ. މި ޤައުލު ވިދާޅުވެފައިވާ ޢިލްމުވެރިން ޙުއްޖަތެއްގެ ގޮތުގައި ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައިވެ އެވެ.
ޞަޙާބީ أبو الدرداء އަރިހުން ރިވާކުރެވިގެންވާ ޙަދީޘް އެވެ. ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. أيُّما امرأةٍ تُوُفِّي عنها زوجها ، فتزوَّجَتْ بعدَهُ ، فِهِي لآخِرِ أزواجِها
”ފިރިމީހާ މަރުވެ ދިއުމުން، އެއަށްފަހު އެހެން ފިރިހެނަކާއި ކައިވެނި ކުރާ ކޮންމެ ފިރިހެނަކު (ޤިޔާމަތް ދުވަހުން) ވަނީ، އެ އަންހެނަކު އެންމެ ފަހުން ކައިވެނި ކުރި ފިރިޔަކަށެވެ.“
ފަހެ، މިއީ ބައެއް ފުންނާބުއުސް، ޙަދީޘް ޢިލްމުގައި ކުރިއަރައިފައިވާ އިމާމުން ޞައްޙަ ކުރައްވާފައިވާ ރިވާޔަތެކެވެ. އޭގެ ތެރޭގައި الإمام الألبَانِي -رحمه الله- ހިމެނިވަޑައިގަންނަވަ އެވެ. السلسلة الصحيحة 1281 ގައި މި ޙަދީޘް ޛިކުރުކޮށްފައިވެ އެވެ. އަދި صحيح الجامع 6691 ގައިވެސް ޛިކުރު ކުރައްވާފައިވެ އެވެ.
ފަހެ، އެހެން ވުމުން ޚުލާޞާކޮށް ބުނަމެވެ. ބަސްފުޅުތަކުގެ ތެރެއިން އެންމެ ބާރުދެނެވި، ޞައްޙަ ބަސްފުޅަކީ ތިންވަނަ ޤައުލެވެ. އަމިއްލަ ރައުޔެއް ބުނުމަށްވުރެ، އަޥްލާކަން ބޮޑުވެގެންވަނީ ދަލީލުގެ މައްޗަށް ހުއްޓި ހުރުމެވެ.
މަސްދަރު: އަބޫއަނަސްއެމްވީ.ކޮމް
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.