1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިރިމީހާ ނުވަތަ އަނބިމީހާ އެހެން މީހަކާ އެކުގައި ނަހަލާލު ގުޅުމެއް ހިންގުމަކީ، ވަރިވާނެކަމެއްތޯ؟

caught-cheating
އައިޝަތު ސަނާ
13,908ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމް ދީނުގައި ކައިވެނީގައިވާ ދެމަފިރިން ވަރިވާނެ ގޮތްތަކަކީ ކޮބައިކަން ބަޔާންވެގެންވެ އެވެ. އެ ގޮތުން ޝަރުޢީ ގޮތުން ޖެހިފައިވާ ކައިވެނީގެ ގޮށް މޮހެވިގެންދާނީ ކޮން ގޮތެއްގައި ކަމުގައި ޝަރީޢަތުގައި ބަޔާންވެގެންވެ އެވެ. މިތަނުގައި ޛިކުރުކޮށްފައިވާ، ކައިވެންޏެއްގެ މަތީގައިވާ އަންހެނަކު އެހެން ފިރިހެނަކާ އެކުގައި ނަހަލާލު ގުޅުމެއް ހިންގުމަކީ، ނުވަތަ ކައިވެނީގައި ހުރި ފިރިހެނަކު އެހެން އަންހެނަކާއި ނަޙަލާލު ގުޅުމެއް ހިންގުމުން އޭގެ ސަބަބުން އޮޓެމެޓިކުން ކޮށްގެންހުރި ކައިވެނި ރޫޅިގެންދާނެ ކަމެއް ނޫނެވެ. ޝައްކެތްވެސް ނެތެވެ. އެއީ ފާފަވެރިކަން ބޮޑުވެގެންވާ މުޑުދާރު ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ. އެ ގޮތުން އެފަދަ ފާފަތައް ކަމުގައިވާ، ވައްކަން ކުރުމާއި، ބަގުރާ ބުއިމާއި، މީހުން މެރުމާއި، ފޭރުން ފަދަ ޢަމަލުތަކަކީ ބޮޑުވެގެންވާ އޭގެ މައްޗަށް ބޮޑުވެގެންވާ ވަޢީދު އަދި ޢުޤޫބާތް ކަނަޑައެޅިފައިވާ ފާފަތަކެވެ. އެހެނަސް އެ ފާފައަށް އަރައިގަތުމަކުން ކައިވެނި ރޫޅިގެން ނުދާނެ އެވެ. މިބައި ސާފު ވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ. ފަހެއްރަގައި، މީހަކު ސުވާލު އުފައްދަފާނެ އެވެ. ކައިވެނީގެ މަތީގައިހުރެ އަންހެނަކު އެހެން ފިރިހެނަކާއި ޒިނޭކޮށްގެން ބަނޑޮބޮޑުވެއްޖެހިނދުގައި ވާނީ ކިހިނެތް ހެއްޔެވެ؟ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި މުޅި ދުނިޔެ އެބޭކަލެއްގެ ޢިލްމާއި ތަޤްވާވެރިކަމާއި ޙައްޤުގައި ދެމިހުރި އިމާމެއް ކަމުގައި ހެކިވެފައިވާ الشيخ الإمام ابن بَاز-رحمه الله- މި މައްސަލައިގައި ވިދާޅުވެފައިވެ އެވެ. ”އެފަދައިން ބަނޑުގައި އަށަގަނެވިފައިވާ ދަރި ވައްޓާލުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް އަންހެން މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ އަށް ތަޥްބާވުމެވެ. އަދި އެކަން ސިއްރު ކުރުމެވެ. އަދި އެފަދައިން ވިހެއި ދަރި ނިސްބަތްވާނި މިހާރު ކައިވެނިކޮށްގެން ހުރި ފިރިހެން މީހާއަށެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (الولد للفراش ، وللعاهر الحجر) ”ދަރިވަނީ ކައިވެނީގެ ތަންމައްޗަށެވެ. އަދި ޒިނޭކުރި މީހާއަށްވަނީ ހިލަ އެވެ.“ -މާނައީ : ދަރިވަނީ އެކައިވެނީގެ މައްޗަށެވެ. ދަރި ނިސްބަތްވަނީ ކޮށްގެން ހުރި ކައިވެނީގެ މައްޗަށެވެ. އަދި ޒިނޭކުރި ފިރިހެނާއަށް އެއްވެސް ޙާލެއްގައި ދަރި ނިސްބަތް ނުކުރެވޭނެ ކަމެވެ.-  ﷲ އެންމެންގެ ޙާލު އިޞްލާޙްކޮށްދެއްވާށި އެވެ.“  فتاوى الشيخ ابن باز (21/205) ޝެއިޚްގެ ފަތުވާގައި އިޝާރާތްކޮށްފައިވާ ނުކުތާތައް ބަޔާން ކުރަމެވެ.

  1. އެއީ ނަހަލާލަށް ބަނޑުބޮޑުވެފައި ވާތީ އެއްވެސް ގޮތަކަށް އެ ދަރިއަށް ގެއްލުން ދިނުން އަދި ހަލާކުކޮށްލުން އަންހެން މީހާއަށް ހުއްދައެއް ނުވާނެ އެވެ. ވުމުން ބަނޑުގައިވާ ދަރި އެއްވެސް މަރުޙަލާއެއްގައި ވައްޓައިލުން ހުއްދައެއް ނުވާނެ އެވެ.

2. ﷲ ތަޢާލާ އެ އަންހެން މީހާގެ އެ ޢަމަލު، އަންހެން މީހާ ކޮށްފައިވި ފާފަ ފޮރުއްވައި ސިއްރު ކުރެއްވި ފަދައިން އެފާފަ ނުފަތުރައި ސިއްރު ކުރުމެވެ.

300 × 250
  1. އެ ކުރެވުނު ޢަމަލުން ތަޥްބާވުމަށްޓަކައި އެ ފާފަ އެއްވެސް މީހަކަށް، ފިރިމީހާއަށްވެސް ކިޔައި ދިނުމެއް ނެތެވެ. އަދި އެއީ ޝަރުޢުގައި ހުއްދަކޮށްފައިވާ ކަމެއްވެސް ނޫނެވެ.
  2. މާބަނޑު ޙާލުގައި ޒިނޭކޮށްގެން ލިބުނު ދަރި ނިޞްބަތްވާނީ ކައިވެނީގެ މަތީގައި އިނދެގެން ހުރި ފިރިހެންމީހާއަށެވެ.

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ފަތުވާގައިވެ އެވެ. ޖަވާުބު :އަންހެނަކު ކައިވެންޏެއްގެ މަތީގައި ހުރެ ޒިނޭކޮށް މާބަނޑުވެއްޖެހިނދު އެ ވިހެރި ދަރިވާނީ، ތަންމައްޗަށެވެ. (މާނައީ : އެދަރި ވާނީ، އެ ފިރިހެނަކާ އެކުގައި ޝަރުޢީގޮތުން އެއްދާންކުރާ ކައިވެނިކޮށްގެން ހުރި ފިރިމީހާގެ ތަންމައްޗަށެވެ.)  އެއީ ޞައްޙަ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. އެހެނަސް މިހާރު ކައިވެނިކޮށްގެން ހުރި ފިރިހެން މީހާއަށް (އެ ވިހެއިދަރީގެ މައްޗަށް ޝައްކުވެގެން) އޭނާގެ ދަރިއެއް ނޫން ކަމުގައި ނަފީކުރަން ބޭނުންވެއްޖެހިނދު، އޭނާއަށް އޮތީ ޝަރުޢީ ޤާޟީއެއްގެ ކުރިމަތީގައި ލިޢާން ކުރުމެވެ. އަދި އެ ކުއްޖާއަކީ އެއްވެސް މީހަކަށް އަޅަކަށް ނުވާނެ ކަމުގައި އެންމެހައި މުސްލިމުން އިޖްމާޢުވަޑައިގެންފައިވެ އެވެ. ދެންފަހެ ތަބައްނީ ކުރުން ހުއްދައެއްނުވާނެ އެވެ. އަދި އޭނާގެ އަޞްލު ދަރިއެއް ނޫން ދަރިއެއް އޭނާގެ ދަރިއެއް ކަމުގައި ހަދައިގެން (މިޘާލަކަށް ބައްޕަ ކިޔުއްވައިގެން އުޅުނު ކަމުގައި ވީނަމަވެސް) އެޙާލުގައި އަމިއްލަ ދަރިއެއް ކަމުގައި ނުވާނެ އެވެ.“  فتاوى اللجنة الدائمة“ (20/339)

ސުވާލުގައި ބަޔާންވެގެންވާ ބައެއް ކަންތައްތައް ފާހަގަ ކޮށްލަމެވެ.

  1. ކައިވެނިކޮށްގެން ހުރެ މާބަނޑުވެ ދަރިއެއް ވިހައިފިނަމަ، އެ ދަރި އަކީ ކައިވެނީގެ ތަންމަައްޗަށް ވިހެއި ދަރިއެއް ކަމުގައިވާނެ އެވެ. އެބަހީ : އެއީ އެކައިވެނީގެ މައްޗަށް ލިބުނު ދަރިއެއްގެ ގޮތުގައި އެ ވިހެއި ކުއްޖާ އެ އަންހެން މީހާ އިނދެގެން ހުރި ފިރިހެންމީހާގެ ދަރިއެއް ކަމުގައި ނިޞްބަތް ކުރެވޭނެ އެވެ.  ފަހެ، މިފަދައިން ޙަދީޘް ވާރިދުވެގެންވެ އެވެ. (الولد للفراش ، وللعاهر الحجر) ”ދަރިވަނީ ކައިވެނީގެ ތަންމައްޗަށެވެ. އަދި ޒިނޭކުރި މީހާއަށްވަނީ ހިލަ އެވެ.“
  2. އަންހެން މީހާއަށް ތަޥްބާ އޮތްކަން ބަޔާންވުމެވެ. އަދި އެގޮތުން ﷲ ތަޢާލާ އެ ފާފަވެރި ޢަމަލު ސިއްރުކޮށްފައި، މީސްތަކުންގެ ތެރޭގައިވާ ބަޔަކަށް އެ ފާޅު ނުކުރައްވާހިނދު، އަންހެން މީހާ އަމިއްލައަށް އެ ފާފަ ކިޔަދިދީ ﷲ ވަންހަނާ ކުރައްވާފައިވާ ޢަމަލު ފާޅު ކުރުމެއްވެސް ނުވެ އެވެ. އޭގެ ބަދަލުގައި ﷲ އަށް ތަޥްބާވެ އެ ފާފަ ވަންހަނާ ކުރުން ހުއްޓެވެ.
  3. އެ ފާފަގެ އަމަލު ﷲ ތަޢާލާ ސިއްރު ނުކުރެއްވީ އެވެ. ކޮންމެވެސް ގޮތެއް މެދުވެރިވެ އެ ޢަމަލު ފިރިމީހާއަށް ބަޔާންވީ އެވެ.

ނުވަތަ ފިރިމީހާއަށް އެއީ އޭނާގެ ދަރިއެއް ނޫން ކަމުގައި ޝައްކުވެ އެ ދަރި އޭނާގެ ދަރިއެއް ނޫން ކަމުގައި ނަފީކުރުމަށް ބޭނުންވި އެވެ. އެހިނދު ފިރިހެން މީހާއަށްވެސް އެ ވާހަކަތައް މީސްތަކުންގެ މެދުގައި ފެތުރުމެއް ނުވެ އެވެ. ސަބަބަކީ، އެހިނދު ފިރިހެން މީހާ އޭނާ ކައިވެނި ކޮށްގެން ހުރި އަނބިމީހާއަކީ ޒިނޭ ކޮށްފައިވާ އަންހެނެއް ކަމުގައި ތުހުމަތު ކުރަނީ އެވެ. މި ޙާލުގައި ފިރިހެން މީހާއަށް އޮތީ ޝަރުޢީ ޤާޟީ ކުރިމައްޗަށް މައްސަލަ ހުށަހަޅައި ލިޢާން ކުރުމެވެ. އެއީ ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الصَّادِقِينَ އަދި އެބައިމީހުންގެ އަމިއްލަ ނަފްސު ތައް މެނުވީ ހެކިދޭބަޔަކު އެބައިމީހުންނަށް ލިބިގެންނުވާ ޙާލުގައި، އެބައިމީހުންގެ އަނބީންނަށް ޤަޛުފު ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. وَالْخَامِسَةُ أَنَّ لَعْنَتَ اللَّهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ  އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ލަޢުނަތް އޭނާގެ މައްޗަށް ހުރިކަމަށެވެ. وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ  ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން ޢުޤޫބާތް (އެބަހީ: ޙައްދު ޖެހުން) ކެނޑޭނެތެވެ. وَالْخَامِسَةَ أَنَّ غَضَبَ اللَّهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ  އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ.

  1. ފިރިމީހާއަށް އެކަން އެނގި، ލިޢާން ކުރަން ހުށަހެޅުމުން، އަންހެން މީހާއަށް އެ ކޮށްފައިވާ ޒިނޭ އަދި އެ ދަރިއަކީ އިނދެގެން ހުރި ފިރިމީހާގެ ދަރިއެއް ކަމުގައި ބުނުން ހުއްދައެއް ނުވާނެ އެވެ.
300 × 250

ސަބަބަކީ ފިރިހެން މީހާގެ އެ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން އަންހެން މީހާއަށް ކަނޑައެޅިގެން ތެދުކަން އެނގޭހިނދު އެކަން ދޮގުކޮށް ފިރިހެން މީހާގެ ދަރިއެއް ކަމުގައި ނެހެދޭނެ އެވެ. އިސްވެ ބަޔާންވެދިޔަ އާޔަތްތަކުގައި ބަޔާންވެެގެންވާ ފަދައިންނެވެ. ފަހެ، ފިރިހެން މީހާއަށް ލިޢާން ކުރުމަކީ އެއީ އޮތް ކަމެކެވެ. ޝަރުޢީ ޤާޟީގެ ކުރިމަތީގައި ލިޢާންކުރުމަކީ ދީނުގައި ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ.

  1. ކައިވެނި ކޮށްގެން ހުރެ ކައިވެނީގެ މަތީގައި ޒިނޭކޮށް ލިބޭ ދަރިންނަކީ އަޅުން ގޮތުގައި ނެހެދޭނެ އެވެ. އެ ދަރިންނަކީ މިނިވަނުންނެވެ. މިކަމަށް އިސްލާމީ އުއްމަތުގެ ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވެ އެވެ.

އަޚާ އެވެ! މިއީ ދީނުގައި ކަނޑައެޅިފައިވާ ޙުކުމެވެ. ފަހެ، މިފަދައިން ޤާއިމްވެ ދެމިހުރުން ހުއްޓެވެ. ޢަދުލުވެރި އިންސާފުވެރި އަދި އެއިން އެންމެ ހެޔޮ ނަތީއްޖާ ޙާޞިލްވާނީ ﷲގެ މި ދީނުގައިވާ ފަދައިން ޢަމަލުކުރުން ކަމުގައި ދަންނަހުއްޓެވެ. މަސްދަރު: އަބޫއަނަސްއެމްވީ.ކޮމް

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި