ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ ސަޕްލައި ނުލިބުމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ، ޔޫއެންއާރްޑަބްލިއުއޭ އިން ވަނީ ބުނެފައެވެ. މީގެއިތުރުން އިރުމަތީ ރަފާހުގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން އެ ގައުމުގެ ޑިސްޓްރިބިއުޝަން ސެންޓަރާއި ވޯލްޑް ފުޑް ޕްރޮގްރާމްގެ ގުދަނަށް މިހާރު ނުވަދެވޭ ކަމަށެވެ. މީގެ ދެ ހަފުތާ ކުރިން އިސްރާއީލުން ހިންގި އޮޕަރޭޝަން ފެށި ފަހުން ރަފާހުގައި ހިޔާވަހިކަން ހޯދަމުން ދިޔަ މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން 810،000 މީހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފަ އެވެ. ޔޫއެންއާރްޑަބްލިއުއޭ އިން ބުނިގޮތުގައި ފާއިތުވި 10 ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިއްހީ މަރުކަޒުތަކަށް އެއްވެސް ސިއްހީ ސާމާނެއް ލިބިފައި ނުވެއެވެ. https://twitter.com/UNRWA/status/1792455157189652532 އެމެރިކާއިން ވަނީ އަލަށް ހަދާފައިވާ ފްލޯޓިން ޕިޔަރ މެދުވެރިކޮށް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެހީދޭ ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެތި ވަދެފައި ނުވާ ކަމަށް ބުނެފައެވެ. އިސްރާއީލުން ހަމާސް ނައްތާލުމަށް އަސްކަރީ ކެމްޕޭނެއް ފަށާފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެ ޖަމާއަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ، 252 މީހުން ރަހީނުކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން މިހަނގުރާމައިގައި މިހާތަނަށް 35،640 އަށް ވުރެ ގިނަ ޣައްޒާގެ ރައްޔިތުން މަރުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޣައްޒާގައި ހަތް މަސް ދުވަސް ވަންދެން ހިނގި ހަނގުރާމައަށް ފަހު އިސްރާއީލުން ބުނަމުން ދަނީ ރަފާހުގައި ތިބި ހަމާސް ޖަމާއަތް ނައްތާލައިގެން ނޫނީ އެމީހުންނަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ. ނަމަވެސް އދ އާއި ހުޅަނގުގެ ބާރުތަކުން އިންޒާރު ދެމުން އަންނަނީ، ހަނގުރާމަ ކުރިއަށް ގެންގޮސް ހަމަލާ ދޭނަމަ އާންމުން މަރުވެ، އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ. ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން މެއި މަހުގެ 6 ވަނަ ދުވަހު ވަނީ އިރުމަތީ ރަފާހުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ސަލާމަތަށްޓަކައި އެ ސަރަހައްދު ހުސްކުރުމަށް އަންގާފައެވެ. https://twitter.com/InsiderWorld_1/status/1755221606408868113 އޭގެ ފަހުން ސިފައިން ވަނީ މެދުތެރޭގެ އަވަށްތަކާއި، މިސްރާއި ދެމެދު އޮންނަ ރަފާހުގެ ބޯޑަރުން ހުރަސްކުރާ ސަރަހައްދުވެސް ބަންދުކޮށްފައެވެ. އެ ސަރަހައްދު އަދިވެސް ބަންދުކޮށްފައިވާއިރު، އދ އިން ބުނަނީ އިޒްރޭލާ ކައިރީގައި އޮންނަ ކަރަމް އަބޫ ސަލީމް ކްރޮސިން ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. މިދިޔަ ހޯމަ ދުވަހު އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވަނީ ރަފާހުގެ ގްރައުންޑް އޮޕަރޭޝަން ފުޅާކުރާނެ ކަމަށް ބުނެފައެވެ. ޔޫއެންއާރްޑަބްލިއުއޭ އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑާލަން މަޖުބޫރުވީ އިޒްރޭލުގެ އޮޕަރޭޝަންގެ ސަބަބުން އެ ގައުމުގެ ޑިސްޓްރިބިއުޝަން ސެންޓަރަށާއި ޑަބްލިއުއެފްޕީ ގުދަނަށް ނުވަދެވޭތީ ކަމަށެވެ. މިކަމާއި ބެހޭގޮތުން ސުވާލު ކުރުމުން އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނިއުޔޯކްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އައްޒާގެ ގިނަ ރައްޔިތުން ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަނޑަށް ޖެހިފައިވާ ކަމަށެވެ. ރަފާހުގެ ސަރަހައްދުގައި އަދިވެސް ދިރިއުޅެނީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އާދީއްތަ ދުވަހު ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ބުނެފައިވާ ގޮތުގައި އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އެއީ އަށް ލައްކައަށް ވުރެ ގިނަ މީހުންނެވެ. އައިޑީއެފް އިން ވަނީ ކައިރީގައި އޮންނަ އަލްމަވާސީއާއި މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް ބަލާހާއި ދެމެދު އޮތް ސަރަހައްދަށް ދިއުމަށް ރައްޔިތުންނަށް އަންގާފައެވެ. އަދި އެ ހިސާބުން ހޮސްޕިޓަލްތަކާއި ޓެންޓުތަކާއި ކާބޯތަކެތީގެ އިތުރުން އެހެނިހެން ބޭނުންވާ ސާމާނު ލިބޭނެ ކަމަށް ބުނެފަ އެވެ. https://twitter.com/jacksonhinklle/status/1793163937485304289 ނަމަވެސް ޣައްޒާގައި އެއްވެސް ތަނެއް އަމާން ނޫން ކަމަށާއި ކަނޑައެޅިފައިވާ ސަރަހައްދަކީ މިހާރުވެސް މީހުން ތޮއްޖެހިފައިވާ ސަރަހައްދެއް ކަމަށާއި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއްް ވެސް އެތަނުގައި ނެތް ކަމަށް އދ އިން ވަނީ ބުނެފަ އެވެ. އަންގާރަ ދުވަހު އައިޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ކާބޯތަކެއްޗާއި ފެނާއި ސިއްހީ ސާމާނު ހިމެނޭ ޓްރަކްތައް ދަތުރުކުރުމަށް މަގުފަހިކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަމް އަބޫ ސަލީމް ކްރޮސިން މެދުވެރިކޮށް 381 އެހީގެ ލޮރީ ވަދެެފައިވާ ކަމަށާއި އިތުރު 70 ލޮރީއެއް ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެތެރެވެފައިވަނީ އެރޭޒް ވެސްޓް ކްރޮސިން މެދުވެރިކޮށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މިދިޔަ މާޗް މަހު އދގެ އެހީގައި އާންމުކުރި އެސެސްމަންޓެއްގައި ވަނީ ޣައްޒާގެ 1.1 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށާއި، ގާތްގަނޑަކަށް ތިން ލައްކަ އެއްހާ މީހުން ތާށިވެފައިވާ ޣައްޒާގެ އުތުރުގައި ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާގެ އަސްކަރިއްޔާ އިން ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި ހަދާފައިވާ ފްލޯޓިން ޕިއަރގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަންގާރަ ދުވަހުގެ ހެނދުނު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސައިޕްރަސްއިން ދަތުރުކުރި މުދާ އުފުލާ އުޅަނދުތަކުން 569 ޓަނުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ މޭޖާ ޖެނެރަލް ޕެޓް ރައިޑާ ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެއިން އެއްވެސް ސާމާނެއް އެހީދޭ ޖަމާއަތްތަކުން އަދި ބަހާފައި ނުވާ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު 10 އެއިޑް ލޮރީ ޕިޔަރުގެ އެހީގައި މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް ބާލާގައި ހުންނަ ޑަބްލިއުއެފްޕީ ގުދަނަށް ގެންގޮސްފައިވާ ކަމަށެވެ. ޖެނެރަލް ރައިޑާ އިތުރަށް ބުނީ ސްޓާފުންނަށް ރައްކާތެރިކަމާއެކު މުދާ އުފުލޭނެ އެހެން މަގުތައް ކަނޑައެޅުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
" އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެހީ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް". އޭނާ ބުނެފަައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ ބުނީ ގާޒާގެ އުތުރުގައި ހުންނަ އެންމެ ބޮޑު ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރާ ހޮސްޕިޓަލެއް ކަމަށްވާ ބެއިޓް ލަހިޔާގެ ކަމަލް އަދްވާން ހޮސްޕިޓަލަށް އަންގާރަ ދުވަހު ހަތަރު ފަހަރެއްގެ މަތިން ހަމަލާދީފައިވާ ކަމަށެވެ. ޑަބްލިއުއެޗްއޯއިން ބުނީ ޖަބަލިއާގެ އަލް-އަވްދާ ހޮސްޕިޓަލް އާދީއްތަ ދުވަހުން ފެށިގެން އިސްރާއިލް ސިފައިން ވަށާލާފައިވާ ކަމަށާއި އެހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލިމީހުން އެތެރޭގައި ތާށިވެފައި ތިބި ކަމަށެވެ. މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެތައް ހާސް އާންމުންނެއް ވަނީ ޖަބާލިއާ ދޫކޮށް ގޮސްފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.