އޮސްޓްރޭލިއާގެ ވިކްޓޯރިއާއަށް އިންޑިއާއިން ދަތުރުކުރި ކުއްޖެއްގެ ގައިން އެޗް5އެން1 އޭވިއަން އިންފްލުއެންޒާ ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ފުރަތަމަ ފަހަރަށް ދޫނި ރޯގާގެ ކޭސްއެއް ފެނިއްޖެއެވެ. ވިކްޓޯރިއަން ޑިޕާޓްމަންޓް އޮފް ހެލްތުން ބުނީ އެނބުރި ގައުމަށް އައި މި ކުއްޖާ މިދިޔަ މާޗް މަހު އެވިއަން އިންފްލުއެންޒާ ނުވަތަ ދޫނި ރޯގާ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އެ ކުއްޖާއަށް ސީރިއަސް އިންފެކްޝަނެއް ޖެހިފައި ވީ ނަމަވެސް މިހާރު ހާލު ރަނގަޅު" ތަރުޖަމާނު މައުލޫމާތުދީފައިވެއެވެ. "ކޮންޓެކްޓް ޓްރޭސިންއިން މި ކޭސްއާ ގުޅުން ހުރި އެވިއަން އިންފްލުއެންޒާގެ އިތުރު ކޭސްއެއް ފެނިފައެއް ނުވޭ. އެވިއަން އިންފްލުއެންޒާ އަކީ މީހުންގެ މެދުގައި ފަސޭހައިން ފެތުރޭ ބައްޔެއް ނޫން."
އެ ޑިޕާޓްމަންޓުން ޔަގީންކަން ދިނީ އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އޭވިއަން އިންފްލުއެންޒާ އަކީ ދޫނިސޫފާސޫއްޕަށް ޖެހޭ ވައިރަލް ބައްޔެކެވެ. މިއީ އިންސާނުންގެ ގައިން އާންމުކޮށް ފެންނަ ބައްޔެއް ނޫނެވެ.

އިންސާނުންނަށް މި ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކެއްސުން، ހުން އައުން، ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން، ކޮންޖަންކްޓިވައިޓިސް (ލޯ ރަތްވުން)، ބޭރަށް ހިނގުން، ނޭފަތުން ފެންއައުން، ކަރުގައި ރިއްސުން، ވަރުބަލިވުން، އަދި ހިރުގަނޑުން ލޭ އައުން ހިމެނެއެވެ. މި ވައިރަސް ޖެހުމުން ބައެއް މީހުންނަށް ބޮޑުވަރުވީ ނަމަވެސް ބައެއް މީހުންގެ ގައިން ގިނަ ދުވަސްތަކެއް ވަންދެން އަލާމާތްތައް ނުފެނިވެސް ދެއެވެ. މި ބަލި އިންސާނުންގެ މެދުގައި ފެތުރެނީ ވަރަށް މަދުންނެވެ. ދޫނި ރޯގާ އިންސާނުންނަށް ޖެހެނީ ބަލި ޖެހިފައިވާ ދޫންޏަކާ ނުވަތަ ވައިރަސް ހުރި އެއްޗަކާއި ކޮންޓެކްޓްވެގެންނެވެ. އެވިއަން އިންފްލުއެންޒާގެ ގިނަ ސްޓްރެއިންތަކެއް ހުރިއިރު، ޑިޕާޓްމަންޓް އޮފް ހެލްތުން ބުނީ އޭގެ ތެރެއިން ގިނަ ސްޓްރެއިންތަކަކީ އިންސާނުންގެ ގަޔަށް ނާރާ ސްޓްރެއިންތަކެއް ކަމަށެވެ. ތަރުޖަމާނު ބުނި ގޮތުގައި އެޗް5އެން1 ފަދަ ބައެއް ސަބްޓައިޕްތަކުގެ ސަބަބުން ކުކުޅަށް މި ބަލިޖެހި މަރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ވިކްޓޯރިއާގެ އެތައް ލައްކަ ކުކުޅުތަކެއް ހުރި އެގް ފާމަކުން މި ބަލި ފެނުމާ އެކު، ބަލި ފެތުރުން ހުއްޓުވުމަށް އެ ތަނުގެ އެތައް ހާސް ކުކުޅެއް ވަނީ މަރާލާފައެވެ. ނުވަތަ ޔޫތަނައިޒް ކޮށްފައެވެ. ސްޓޭޓްގެ ހުޅަނގުގައި ހުރި މި ތަން މިހާރުވަނީ ކަރަންޓީނު ކޮށްފައެވެ. ޑިޕާޓްމަންޓް އޮފް ހެލްތް އިން ބުނީ ވިކްޓޯރިއަން ކުއްޖާއަކީ އެގް ފާމް އައުޓްބްރޭކްއާ އެއްވެސް ގުޅުމެއް ހުރި ކުއްޖެއް ނޫން ކަމަށެވެ. މީގެ އިތުރުން މި ބަލި ދުނިޔޭގެ އެކި ގައުމުތަކުގައި ގެރިތަކުންވެސް ފެތުރެމުން ދެއެވެ. ދާދި ފަހުން އެމެރިކާގެ ކިރު އުފައްދާ ޖަނަވާރު ގެންގުޅޭ މީހަކުވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ދޫނި ރޯގާ އެންމެ ފަހުން އޮސްޓްރޭލިއާއިން ފެނިފައިވަނީ 2020 ވަނަ އަހަރު އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.