މާލޭ ސަރަހައްދުގައި ހުރި މިސްކިތްތައް މިއަދުން ފެށިގެން ސާފުކުރާނީ ދިވެހިން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ބުނީ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ 34 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި ދިވެހިން ކަމަށެވެ. މިސްކިތްތައް ސާފުކުރުމުގެ މަސައްކަތުގައި މީގެ ކުރިން މުޅިންހެން ހަރަކާތްތެރިވަމުން އައީ ބިދޭސީންނެވެ.

ދިވެހިން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅުމަކީ މޭޔަރ އާދަމް އާޒިމް އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެކެވެ. މީގެ ކުރިންވެސް އާޒިމް ވަނީ މިސްކިތްތައް ދިވެހިންގެ އަތްތަކުން ފޮޅައިސާފު ކުރުމާއި ބެލެހެއްޓުން އުފަލެއް ކަމުގައި ހެދުމަށް އެދިވަޑައިގެންފިއެވެ.

އެމިސްކިތްތަކަކީ ސިޓީގައި ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތް، މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ 2 މިސްކިތެވެ.