ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ފޮންސުއާ ޕަކްތޭ އަވަހާރަވެއްޖެ އެވެ.

ސަފީރު ޖޯންޖޯން ފޮންސުއާ ޕަކްތޭ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކުއްލި އާލާސްކަންފުޅެއްގައި ކަމަށް ސްރީލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ސަފީރު އަވަހާރަވީކަން އެނގުނީ، ސްރީލަންކާގައި ހުންނަ ފްރާންސްގެ އެމްބަސީ މުވައްޒަފުން، ސަފީރު އޮފީހަށް ވަޑައިނުގަންނަވާތީ ވީ ކިހިނެއްތޯ ބެލުމަށް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ސަފީރު ދިރިއުޅުއްވާ ގެއަށް ގޮސް ބެލުމުންނެވެ.  ސަފީރުޖޯން އަވަހާރަވީކަން ސްރީލަންކާ ފުލުހުން ޔަގީންކޮށްދީފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ޖޯން އަވަހާރަވީއިރު އުމުރުފުޅަކީ 53 އަހަރުފުޅެވެ. ޖޯން އަވަހާރަވީ ސަބަބު ދެނެގަތުމަށް ހާއްސައިންކުއަރީއެއް ހިންގާނެ ކަމަށް ސްރީލަންކާ ފުލުުހުން ވަނީ ބުނެފައެވެ. ސަފީރު ކުއްލިގޮތަކަށް އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެމަނިކުފާނުގެ އާއިލާއަށާއި ފްރާންސް އެމްބަސީގެ މުވައްޒަފުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ. މިނިސްޓަރު ޒަމީރު އެކްސްކޮމްގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ސަފީރާއެކު ބޭއްވެވި ބައްދަލުވުން އަދިވެސް ހަދުމަފުޅު ހުންނެވިކަމަށާއި ސަފީރަކީ ރާއްޖެއާ އެކުވެރި ބޭފުޅެއްކަމަށެވެ. އަދިހަމައެހެންމެ ދެގައުމުގެ ގުޅުން ބަދަހިކުރަން ކުރެއްވި މަސައްކަތްޕުޅު އަބަދުވެސް ފާހަގަކުރެވޭނެކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ. ދިވެހި ރާއްޖެއާއި ލަންކާގެ ސަފީރަކަށް ޖޯން އައްޔަނު ކުރެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި، ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނަަވަނިކޮށެވެ.