މިޔަންމާގެ ރަކީން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން އިތުރު 45،000 ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އދއިން ބުނެފިއެވެ. މިދިޔަ ނޮވެމްބަރު މަހު އަރަކާން އާމީ (އޭއޭ) ގެ ހަނގުރާމަވެރިން، ވެރިކަން ކުރާ އަސްކަރީ ސަރުކާރުގެ ފައުޖުތަކަށް ދިން ހަމަލާތަކާ ގުޅިގެން ރަކީން ސްޓޭޓްގައި ހަމަނުޖެހުންތައް ހިނގަމުން އަންނައިރު، 2021 ވަނަ އަހަރު އަސްކަރީ ބަޣާވާތަކަށް ފަހު ދުވަސްކޮޅަކަށް ހަނގުރާމަ ހުއްޓާލުމަށްފަހު އަނެއްކާވެސް ހަނގުރާމަ ވަނީ ފަށާފައެވެ. ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މި ސަރަހައްދުގައި މި ޖަމާއަތާއި ސަރުކާރަކީ ޒަމާނުއްސުރެ މުސްލިމުންނަށް އިހާނެތިކޮށް ކަންތައް ކުރަމުންދާ ބަޔެކެވެ . އޭއޭ އިން ބުނީ ރަކީން ސްޓޭޓުގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންގެ ގާތްގަނޑަކަށް ހަ ލައްކަ މީހުންނަށް އެމީހިންގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރަކީން ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްގައި މިލިއަނަކަށްވުރެ ގިނަ ރޮހިންޖާ ދަރިކޮޅުގެ މީހުން ހިމާޔަތް ހޯދާފައިވާއިރު، އޭގެ ތެރޭގައި 2017 ވަނަ އަހަރު އަސްކަރިއްޔާއިން މީގެ ކުރިން ހިންގި ހަމަނުޖެހުންތަކުގައި ހިޖުރަކުރި އެތައް ހާސް ބަޔަކު ހިމެނެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު އެލިޒަބަތު ތްރޮސެލް ހުކުރު ދުވަހު ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ބުތިޑަންގާއި މައުންގްޑޯ އަވަށްތަކުގައި އެތައް ހާސް އާންމުންނެއް ގެދޮރު ގެއްލިފައިވާ ކަމަށެވެ. ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންނަށް ހިމާޔަތް ހޯދައިދިނުމަށް ގޮވާލަމުން އޭނާ ބުނީ ބަންގްލަދޭޝްގެ ބޯޑަރު ކައިރީގައި އޮންނަ ނާފް ކޯރުގެ ސަރަހައްދަކަށް ގާތްގަނޑަކަށް 45،000 ރޮހިންޖާ ދަރިކޮޅުގެ މީހުން ހިޖުރަކޮށްފައިވާ ކަމަށެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަރ ތުރުކް ބަންގްލަދޭޝްއަށާއި އެހެނިހެން ޤައުމުތަކަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިޔަންމާގެ ރޮހިންޖާ ރެފިއުޖީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ވަނީ ގޮވާލާފައެވެ. މިހާރުވެސް މިލިއަނަކަށްވުރެ ގިނަ ރޮހިންޖާ ދަރިކޮޅުގެ މީހުން ބަންގްލަދޭޝްގައި ތިބިއިރު، ސަރުކާރުން އިތުރު މީހުން ގެންދިއުމަށް ފަސްޖެހުމުގެ ސަަބަބުން ގިނަ އަދަދެއްގެ ރެފިއުޖީން މިޔަންމާގެ ބޯޑަރު ސަރަހައްދުގައި ތާށިވެފައި އެބަތިއްބެވެ. އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ މިޔަންމާ ޓީމުގެ ވެރިޔާ ޖޭމްސް ރޮޑެހެވާ ވަނީ ގިނަ ބަޔަކު ފިލައިގެން ދާން މެދުވެރިވި ބިރުވެރި ހާލަތު ކިޔައިދީފަ އެވެ. އޭނާ ބުނެފައިވާގޮތުގައި ބުތިދައުންގް އަވަށް ވަރަށް ބޮޑަށް އަނދާފައިވާ ތަން ސެޓެލައިޓް ފޮޓޯތަކާއި އޮންލައިން ވީޑިއޯތަކުން ފެންނަ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.