ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު މިހަފުތާގައި ފަށާނެ ކަަމަށް ސަރުކާރުން ބުނެފި އެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މޫސުމީ ބަދަލުތަކާއެކުގައި ހޫނުމިން އިހުސާސްކުރެވޭ މިންވަރު މަތިވެފައިވާ ކަމަށެވެ. ގާތްގަނޑަކަށް 30 ކުދިން ކްލާސް ރޫމެއްގައި ތިބޭއިރު، އެ ހޫނުމިން އިހުސާސްކުރެވޭ މިންވަރު އިތުރުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ސްކޫލުތައް ހޫނުވެ، ދަރިވަރުން ސްކޫލަށް އަންނަން ބޭނުން ނުވުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް އަސަރުކުރުމަކީ، ގިނަ ގައުމުތަކަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.
"މީ ރާއްޖެއަށް އެކަނި ދިމާވެފަވާ ކްރައިސިސްއެއް ނޫން. ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރި ސްކޫލުތަކުގަ ހޫނުގަދަވުމުގެ ސަބަބުން ކުދިން ސްކޫލަށް ނުދިއުމުގެ ސަބަބުން އަންނަ ލާނިން ލޮސް،" ޝަފީއު ވިދާޅުވި އެވެ.
ކިޔެވޭނީ ވެސް އަދި ކިޔަވައިދެވޭނީ ވެސް އުފާވެރި ހިތްފަސޭހަ މާހައުލެއްގައި ކަމަށާ އަދި ހަރަދު ހިނގި ނަމަވެސް، ސަރުކާރުން ފައްޓަން ނިންމާފައިވާ ސްކޫލުތައް އޭސީކުރުމުގެ ޕްރޮޖެކްޓުގެ މަގުސަދަކީއެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީތަކަށް ދޭ ކަރަންޓުގެ 30 ޕަސެންޓު ކަރަންޓަކީ ސޯލާ ޕެނަލް ފަދަ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ޑރ. މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަން ކުރުމުގަ އެންމެ މަދުވެގެން 30 އިނސައްތަ ކަރަންޓަކީ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ގޮތުގަ ބައްޓަންކުރެވިގެން، އެފަދަ ގޮތަށް ވިސްނައިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދުދެއްވާފައިވަނީ. އަޅުގަނޑުމެން އޭސީކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް މި ހަފްތާ ތެރޭގަ އިފްތިތާހުކުރާނަން،"
ހޫނު ގަދަ ކްލާސްތައް އޭސީ ކުރުމަށް އެންމެ ފުރަތަމަ ރައީސް އެންގެވީ ފެބްރުއަރީ 27، ގައި ހދ. މަކުނުދޫއަށް ވަޑައިގަނެ ވާހަކަދައްކަވަމުންނެވެ.
އޭގެ ފަހުން ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވެ، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމީ މިމަހު 13 ގަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.