ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަކީ ދިގު އުމުރަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެގޮތުން ސައިންސްވެރިން ކުރި އާ ދިރާސާއަކުން އިންސާނާގެ ސިކުނޑީގެ އުމުރު މަތިވާ އަވަސް މިނާއި ކެއުމުގެ އާދަތަކާއި ގުޅިފައިވާކަން އެނގިގެން ދިޔައެވެ. ޔުނިވާސިޓީ އޮފް އިލިނޮއިސް އާއި ޔުނިވާސިޓީ އޮފް ނެބްރަސްކާ ލިންކަންގެ ސައިންސްވެރިން ވަނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ 100 ވޮލަންޓިއަރުންގެ ސިކުނޑީގެ ސްކޭންތައް ދިރާސާކޮށް، އެމީހުންގެ ކެއުމުގެ އާދަތަކާއި ސިކުނޑީގެ އުމުރު މަތިވުމާއި ގުޅުން ހުރިތޯ ބަލާފަ އެވެ. މެޑިޓެރޭނިއަން ޑައިޓުން ލިބޭ ހަށިގަނޑަށް ބޭނުންވާ ބައިތަކުގެ ސަބަބުން ސިކުނޑީގެ އުމުރު މަތިވުން ލަސްކޮށްދެއެވެ. ކުރިން ކޮށްފައިވާ ދިރާސާތަކުންވެސް މެޑިޓެރޭނިއަން ޑައިޓަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ޑައިޓް ކަން އެނގިފަައިވެއެވެ. މެޑިޓެރޭނިއަން ޑައިޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މޭވާއާއި ތަރުކާރީގެ އިތުރުން ، ގޮވާމުގެ ބާވަތްތަކާއި ، ބީންސް، ސީޑްސް، އަދި ބައެއް ބާވަތުގެ ނަޓްސްއެވެ. ޔުނިވާސިޓީ އޮފް އިލިނޮއިސްގެ ނިއުރޯސައިންޓިސްޓް އެރޮން ބާބީ ބުނި ގޮތުގައި ނިއުޓްރިޝަނަލް ސައިންސްގައި މަޝްހޫރު ފެޓީ އެސިޑް ޕްރޮފައިލް ފަދަ ސިއްހަތަށް ފައިދާ ލިބޭ ހާއްސަ ނިއުޓްރިއަންޓް ބަޔޯމާކަރުތައް ދިރާސާކޮށްފައިވާ ކަމަށެވެ. "މި ދިރާސާއާއި މެޑިޓެރޭނިއަން ޑައިޓްގެ ސަބަބުން ސިއްހަތަށް ލިބޭ ފައިދާތަކާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކާ ގުޅިފައިވާ ކަމަށާއި، މި ޑައިޓަކީ ސިއްހަތަށް ފައިދާހުރި ނިއުޓްރިއެންޓްސް އިން މުއްސަނދި ކާނާގެ ބާވާތްތައް ހިމެނޭ ކެއުމެކެވެ. ސައިންސްވެރިން ދިރާސާގެ ބައިވެރިންގެ ފަރާތުން އެމީހުންގެ ކެއުމުގެ ވައްޓަފާޅިއާއި ގުޅޭ މައުލޫމާތު ހޯދުމުގެ ބަދަލުގައި، އެމީހުންގެ ލޭގެ ސާމްޕަލްތައް ދިރާސާ ކޮށްގެން ނިއުޓްރިއެންޓް ބަޔޯމާކަރސް ހޯދުމުގެ މަސައްކަތް ކުރިއެވެ. މި ދިރާސާގައި ބައިވެރިވި އުމުރުން ދުވަސްވީ މީހުންނެވެ. މަހާއި ޒައިތޫނި ތެޔޮ ފަދަ ފެޓީ އެސިޑް ހިމެނޭ ބާވަތްތަކާއި ސްޕިނެޗް އަދި އާމަންޑްގައި ހިމެނޭ ވިޓަމިން އީ ފަދަ އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑަށް މުހިންމު މާއްދާތަކެކެވެ. މި ދިރާސާގައި ޒުވާންކަން މަތީ ދެމިހުރުމަށް ބޭނުންވާ އަނެއް މާއްދާއަކީ ކޮލީން އެވެ. މިއީ ބިހުގެ ގޮބޮޅިންނާއި، އޯގަން މީޓް އަދި ރޯ ސޯޔާބީންގައި ގިނަ އަދަދަކަށް އެކުލެވިގެންވާ މާއްދާއެކެވެ. ސައިންސްވެރިން ވަނީ އެމްއާރުއައި ބްރެއިން ސްކޭންތަކާއި ކޮގްނިޓިވް އެސެސްމަންޓްތައް މެދުވެރިކޮށް ސިކުނޑި ދިރާސާކޮށްފައެވެ. މީގެ ސަބަބުން ނިއުރޯން ކޮންފިގްރޭޝަންގެ ތަފްސީލާއެކު، ޕްރެކްޓިކަލް މެންޓަލް އެޕިލިޓީގެ ހަގީގަތް އެނގިގެން ދިޔައެވެ.
"ސިކުނޑީގެ ބައިތަކާއި ބޭނުން އަދި މެޓަބޮލިޒަމް ބެލުމަށްފަހު، ސިކުނޑީގެ މި ގުނަވަންތަކާއި ކޮގްނިޓިވް ކެޕޭސިޓީއާ ސީދާ ގުޅުމެއް އޮތްކަން އެނގިގެން ދިޔަ." ބާބީ ބުނެފައި ވެއެވެ.
ސިކުނޑީގެ އުމުރު މަތިވުމުގައި ކެއުމުގެ ވައްޓަފާޅި މުހިންމު ދައުރެއް އަދާކުރާކަމުގެ ހެކިތައް މިހާރު ވަރަށް ގިނައެވެ. ކޮންމެ އާ ދިރާސާއަކުން ވެސް ހަށިގަނޑުގެ ކޮންމެ ގުނަވަނަކާއި، އޭގެ މަސައްކަތްތަކާ އެންމެ ގާތުން ސިކުނޑި ގުޅިފައިވާ ގޮތާއި ބެހޭ ގޮތުގެ އިތުރު މައުލޫމާތު ލިބިގެންދެއެވެ. އެގޮތުން 2023 ވަނަ އަހަރު 12 އަހަރު ވަންދެން ބައިވެރިން މޮނިޓަރކޮށްގެން ކުރި ދިރާސާއެއްގެ ނަތީޖާއިން މެޑިޓެރޭނިއަން ޑައިޓާއި ސިކުނޑީގެ އުމުރު މަތިވުމާއި ގުޅުމެއް އޮތްކަން ވަނީ އެނގިފައެވެ. ދެން އެ ޓީމުން ބޭނުންވަނީ ކެއުމުގެ ވައްޓަފާޅީގެ ސަބަބުން ސިކުނޑިއަށް އަސަރުކުރާ ގޮތް ބެލުމަށް ގިނަ ދުވަސްތަކެއް ވަންދެން ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ކެއުމަށް ބަދަލު ގެނެސްގެން އަލްޒައިމާ ފަދަ ނިއުރޯޑިޖެންރޭޓިވް ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.