ޣައްޒާގެ އޮފިޝަލުން ބުނި ގޮތުގައި ފަލަސްތީނުގެ ދެކުނުގައި، ރަފާހުގެ ކައިރީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ކޭމްޕަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 45 އަށް އަރައިފައިވާކަމަށެވެ. އައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 23 އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއެކު ޖުމްލަ 45 މީހުން މަރުވެ، 249 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:45 އެހާކަންހާއިރު އެ ކޭމްޕަށް އަށް ވަނީ މިސައިލް ހަމަލާއެއް ދީފަ އެވެ. ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އާ ހަވާލާދީ ވަފާ ނިއުސް އެޖެންސީން ބުނީ މަރުވި މީހުންނަކީ ތަލް އައް ސުލްތާން ސަރަހައްދުގައި ހުންނަ ޓެންޓުތަކުގެ ތެރޭގައި ދިރިތިއްބާ އަންދާލާފައިވާ ބައެއް ކަމަށެވެ. އަލްޖަޒީރާގެ ސަނާދު ފެކްޓް ޗެކިން އެޖެންސީން ބުނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ ރަފާހު ސިޓީގެ ހުޅަނގުގައި އޮންނަ ބްރިކްސް ކޭމްޕަށް ކަމަށެވެ. މިމަހުގެ 24 ވަނަ ދުވަހު ނަގާފައިވާ އޭރިއަލް ފޮޓޯއަކުން ފެންނަގޮތުގައި ޔޫއެންއާރްޑަބްލިއުއޭ ގުދަނެއް ކައިރީގައި ހުރި އެ ސަރަހައްދުގައި އެތައް ސަތޭކަ ޓެންޓެއް ހުއްޓެވެ. https://twitter.com/ajplus/status/1795109448505045188 އިސްރާއީލުން ބުނީ މި ހަމަލާ ދީފައި މިވަނީ ހަމާސް ޖަމާއަތުން އިސްރާއީލުގެ ތެލްއަވީވް ސިޓީއަށް ދިން ރޮކެޓް ހަމަލާއާއި ގުޅިގެން ކަމަށެވެ. އަދި ހަމާސް އިން ރޮކެޓް ފޮނުވާލާފައިވަނީ ރަފާހުގެ ސަރަހައްދުން ކަމަށެވެ. އެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަންގާފައިވީ ނަމަވެސް އިސްރާއީލުގެ ސިފައިން އަދިވެސް ހަމަލާތައް ދެމުން ގެންދެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ވައިގެ ސިފައިން ހަމަލާދީފައިވަނީ ރަފާހުގައި ހުންނަ ހަމާސްގެ ކޮމްޕައުންޑަކަށް ކަމަށާއި ހަމަލާ ދީފައިވަނީ ހަތިޔާރު ހުރި ކަން ކަށަވަރުކޮށް އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ހަމަލާގައި ހުޅަނގު އައްސޭރީގެ ހަމާސްގެ ޗީފް އޮފް ސްޓާފް އަދި އިސްރާއީލަށް ދިން ނުރައްކާތެރި ހަމަލާތަކުގެ ފަހަތުގައި ހުރި އެހެން އިސް އޮފިޝަލަކު މަރުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި އާންމުންގެ ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަން ރިޕޯޓްތަކުން އެނގޭ ކަމަށާއި އެ ހާދިސާ ބަލަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެ އެވެ. މި ހަމަލާގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއިރު، ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ޓީމުތަކުން ވަނީ ގާތްގަނޑަކަށް 45 މިނެޓު ފަހުން އެ އަލިފާންގަނޑު ނިއްވާލާފައެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ބުނީ ރަފާހުގައި ހުންނަ އެ ކުންފުނީގެ ފީލްޑް ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ކަމަށާއި އެހެން ހޮސްޕިޓަލްތަކުން ވެސް ގިނަ ބަޔަކަށް ފަރުވާ ދެމުން ގެންދާ ކަމަށެވެ. https://twitter.com/MiddleEastEye/status/1795175729354690757 "ވައިގެ ހަމަލާތަކުގައި ޓެންޓުތަކާއި އެތައް ބަޔަކު އަދައިފި" ރަފާހުގައި ހުންނަ ކުވައިތު ހޮސްޕިޓަލަށް ދިޔަ މީހަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނެފައިވެ އެވެ. އެމްއެސްއެފްގެ ނަމުން މަޝްހޫރު ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނީ ޒަހަމްވި މީހުންގެ އިތުރުން މަރުވި މީހުންގެ ތެރެއިން 15 އަށް ވުރެ ގިނަ މީހުން އެ ކުންފުނީގެ ފެސިލިޓީއަކަށް ގެނެސްފައިވާ ކަމަށެވެ.
" މި ނުރައްކާތެރި ބިރުވެރި ހާލަތުން އެނގެނީ އެއްވެސް ތަނެއްގައި ރައްކާތެރިކަމެއް ނެތްކަން." ސޯޝަލް މީޑިއާގެ ޕްލެޓްފޯމް އެކްސްގައި އެ ޖަމިއްޔާއިން ލިޔެފައިވެއެވެ.
ޣައްޒާގެ ވުޒާރާއިން އިތުރަށް ބުނީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 36،050 މީހުން ޝަހީދުވެ، 81،026 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.