ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ރިޔާސަތު ބަލަހައްޓަވައިދެއްވައި، ސިޑްސް ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
މިވަގުތަކީ ތަރައްގީގެ މަގުގައި ކުރިމަތިވާ ދަތިތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތަކުން އަމިއްލަ ގާބިލުކަން ގަބޫލުކުރަން ފަށަންވީ ވަގުތުކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ކަމަކީ ބުންވަރު އާލާކުރަން ލިބޭ ހިތްވަރެއް ކަމުގައި ދެކެން ޖެހޭކަމުގައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން ސިޑްސްގެ ގައުމުތަކުން އެއްބާރުލުން ހޯދިދާނެ ތިން ގޮތެއް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެދެއްވިއެވެ. އެގޮތުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައު އިން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކްރެޑިޓް އިތުރުކުރުމަށާއި ދަރަނީގެ ހަރަދުތައް ކުޑަކުރުމަށް މަގުފަހި ކޮށްދޭންޖެހޭ ކަމުގައެވެ.
އަދި ދޭދޭ ގުޅުންތައް ގާއިމުކޮށްފައިވާ ފަރާތްތަކުން، ރިޓްރެކްޓިވް ފައިނޭންސިން ހިމެނޭ މާލީ އީޖާދީ ހައްލުތައް އިތުރުކޮށްދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
"ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ" ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މަޢުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ރައީސް ޑރ މުއިއްޒު، މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަހާސިންތާގެ ހަވާސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ ޢަދަދެއްގެ އިއްޒަތްތެރީންނާއި ބައްދަލުކުރައްވާ، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.