ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮންނަ ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސްއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވާ ލޭންޑް ހޮޓެލްސްއާއި އެވެ. އިއްޔެ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައި އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެމްއޯޔޫ ގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީންއެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން އެމްއޯޔޫ ގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހައްމަދެވެ.
ރީޖިނަލް އެއާޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވީ މި އިންވެސްޓްމަންޓް އެމްއޯޔޫގައި ވާކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައި ވާނަމަ ތިން މަސްދުވަސް ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމާއި ހަމައަށްދެވި މަޝްރޫއުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އިއްޔެގެ ރަސްމިއްޔާތުގެ ވާހަކަފުޅު ދައްކަވަމުން ރީޖިނަލް އެއާޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވީ އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި ސިޓީހޮޓަލްތައް އަޅާ ރައްޔަތުންނަށް އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއް އަމާޒުކަމަށާއި މިހާރުވެސް އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާއި ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބާރު ސްޕީޑްއެއްގައި ކުރަމުންދާކަމަށެވެ. އެގޮތުން މުބީން ވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ލޭންޑް ރެޖިސްޓްރޭޝަންގެ މަސައްކަތް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.
ރީޖަނަލް އެއާޕޯޓްސްއިން މައުލޫމާތު ދިން ގޮތުގައި ސޮއިކުރެވުނު އިންވެސްޓްމަންޓް އެމްއޯޔޫގެ ދަށުން އެއާޕޯޓްއާ އިންވެގެން އޮތް ހުސްބިމުގައި 100 ޓުއަރިސްޓް ކޮޓަރި އެކުލެވޭގޮތަށް ސިޓީހޮޓަލްއެއް ތަރައްޤީކުރާނެ އެވެ . އަދި މި މަޝްރޫއާއި އެކު އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 200 އަށް ވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.