އަހަރުގެ މިހާތަނަށް ވައްކަމުގެ 2952 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ރަހީނު ކުރުމުގެ 27 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.

  • ޖެނުއަރީ މަހު 668 މައްސަލަ،
  • ފެބުރުއަރީ މަހު 607 މައްސަލަ،
  • މާޗު މަހު 701 މައްސަލަ،
  • އޭޕްރީލް މަހު 620 މައްސަލަ,
  • މެއި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 356 މައްސަލަ ވައްކަން ކޮށްގެން ހުށަހަޅާފައި ވެއެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2952 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުންޏެވެ. ރަހީނު ކުރުމުގެ 27 މައްސަލައެއް ހުށަހަޅާފައިވާއިރު ޖެނުއަރީ މަހު ތިން މައްސަލަ، ފެބުރުއަރީ މަހު ހަ މައްސަލަ، މާޗު މަހު 10 މައްސަލަ، އޭޕްރީލް މަހު ހަތް މައްސަލައިގެ އިތުރުން މެއި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ރަހީނު ކުރުމުގެ އެއް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ ފަސް މަހު ފޭރުމުގެ 328 މައްސަލަ ޕޮލިހަށް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ ހަފްތާ ވަނީ ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެމުންދާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. އަދި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ހަތް ދުވަސްވަންދެން ގެސްޓްހައުސްއެއްގައި ގެންގުޅެނިކޮށް ފުލުހުން ވަނީ އެ މީހާ ސަލާމަތް ކޮށްފަ އެވެ. ރަހީނު ކުރުމުގެ މައްސަލަތައްވެސް މިވަނީ އިތުރުވާތީ ފުލުހުން ވަނީ ގޮތް ނޭނގޭ މީހުން އެދިގެން ތަންތަނަށް ނުދިއުމަށާއި ކާކުކަން ނޭނގޭ މީހުންނާއި ވަކިން ބައްދަލު ނުކުރުމަށް އިލްތިމާސްވެސް ކޮށްފަ އެވެ.