އިޒްރޭލގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަމުން ފަލަސްތީނު ސަލާމަތްކޮށްދެއްވުމަށާއި، އަނިޔާލިބެމުންދާ ފަލަސްތީނުގެ މުސްލިމުންނަށް މިނިވަންކަމާއި އަމާންކަން މިންވަރުކޮށްދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިޔުމަށް މިއަދު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ޤުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވަނީ މަޣުރިބު ނަމާދާއި ފަތިސް ނަމާދަށްފަހު ކަމަށެވެ. އަދި މިއަދު މިކަން ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއްފަދަ ބައެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިދަނޑިވަޅުގައި އިޚުލާސްތެރިކަމާއެކު ދުޢާކުރަންޖެހޭކަމަށެވެ.
ޤުނޫތު ނާޒިލާއަކީ މުސީބާތެއް ކުރިމަތިވާ ދަނޑިވަޅުގައި އެ މުސީބާތަކުން އަރައިގަތުމަށްކިޔޭ ޚާއްސަ ޤުނޫތެކެވެ. މީގެ ކުރިންވެސް ފަލަސްތީނުގެ ޙާލަތާ ގުޅިގެން ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.
އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރަމުން ގޮސް ފަލަސްތީނުގެ ޣައްޒާގެ ރަފަޙަށް ޔަހޫދީން ވަނީ މިފަހަކަށް އައިސް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެގޮތުން ރަފަހަށް ދެމުންދާ ހަމަލަތަކުގައި 40 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.