ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.

މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސް ޑރ މުއިއްޒު ބައިވެރިވެވަޑައިގެންފައި ވާއިރު އެމަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ.

ރައީސް ޑރ މުއިއްޒު ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި އެޤައުމުތަކުގެ ޙައްޤުގައި ރައީސް ޑރ މުއިއްޒު ވަކާލާތުކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ޙައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގައި އަލިއަޅުވާލެއްވިއެވެ.