ޅ. ނައިފަރު ކައުންސިލުން، ފަންނާއި ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމުގައި ބޭނުންވާ އެހީތެރިކަން އެވުޒާރާއިން އެކައުންސިލަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ހީނާ ވަލީދު ދެއްވައިފި އެވެ.

ވަޒީރު މިޔަގީންކަން ދެއްވީ ނައިފަރު ކައުންސިލުން ކުރިއަށްގެންދިޔަ "ނައިބޯލި މަދަހަ މުބާރާތް" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިފަރަކީ އިލްމީ އަދި އަދަބީ ގޮތުން ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވަމުން، ދިވެހި ޅެންވެރިކަމުގެ ތާރީޚުގައި ނައިފަރަށް ނިސްބަތްވާ ބޭފުޅުންގެ ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ޅެންވެރިކަމުގެ ބައިތަކުގެ ތެރެއިން ޅެމެއް ވަޒަނަށް ހެއްދެވި ފުރަތަމަ ބޭފުޅަކީ ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ ހުތް އަލިދީދީކަމާއި، އޭނާގެ ދަރިކަލުން ފަޟީލަތުއްޝައިޚް ޖަލާލުއްދީން އައްނައިފަރީއަކީވެސް ދިވެހި އަދަބިއްޔާތުގެ އަލިގަދަ ތަރިއެއްކަން ވަޒީރު ހަނދާން އާކުރެއްވިއެވެ.

މަދަހަ ކިޔުން ފަދަ ފަންނުތައް ތަރައްގީކުރުމާއި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ ވުޒާރާގެ މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެންގެ ވުޒާރާ ފަންނާއި ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ ހުނަރުތައް ތަރައްގީކުރުމާއި، އަޅުގަނޑުމެންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ މުހިއްމު މަސައްކަތްތަކެއް ހިމެނޭ. އެހެންކަމުން ކައުންސިލުން އެދިވަޑައިގަތް ގޮތަށް މި ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ހުރިހާ ދާއިރާއެއްގައިވެސް ވުޒާރާގެ ފަރާތުން ކައުންސިލަށް ދޭނެކަމުގެ ޔަގީންކަން އަރުވަން،" ކަމަށެވެ.

ނައިފަރަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ހާއްސަ މަގާމެއް އޮތް ރަށެއްކަން ފާހަގަކުރައްވަމުން، ޅެންވެރިކަމާއި އަދަބިއްޔާތުގެ ދާއިރާގައި އެ ރަށަށް ފަހި ކުރިމަގެއް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.