ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ. މިކަން ހާމަކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އަދުގެ ޒައާމަތާ ހަވާލުވެވަޑައިގަަތުމުގެ ކުރިންވެސް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާމެދުގައި ކަންބޮޑުން ފާޅުކޮށް ދިވެހިރާއްޖޭގައި މިހާތަނަށް ނުނަގާ ސްޓޭންޑުތައް ނަންގަވަމުން، އެވާހަކަ ރައީސް ޑރ މުއިއްޒު އެކިއެކި ޕްލެޓްފޯމުތަކުގައި ވިދާޅުވަމުންދާ ކަމަށެވެ. އެގޮތުން އެމެސެޖުތަކުގެ އިތުރަށް ދައުލަތުގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް ދިރާސާ ކޮށް އެފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެގޮތުން މިއަދު ވަޒީރުންގެ މަޖިިލިހުގައި އެމައްސަލައިގައި ރާއްޖެއިން އަމަލު ކުރާނެ ބައެއްކަންކަން ކަނޑައަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ކެބިނެޓުން ނިންމެވުން އަދި މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލުން. އެކޮމިޓީގައި ހިމެެނެނީ؛
- ހޯމްމިނިސްޓަރ އަލީ އިހުސާން
- ފޮރިން މިނިސްޓަރ މޫސާ ޒަމީރު
- އެޓާރނީ ޖެނެރަލް އަހުމަދު އުޝާމް
- އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު
- ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް
- އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު
2. ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމެވުން. 3. ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން 4. "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމުން. 5. ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.