ފަސް ދާއިރާއަކުން ކޯޕަރޭޓު ގަވަރނަންސް އެވޯޑު ދިނުމަށް ނިންމާ އެވޯޑު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު އާއްމު ކޮށްފިއެވެ. މިއީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ދޭ އެވޯޑެކެވެ. ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ދޭ މިއެވޯޑު ދިނުމުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށް ވުމަށް ބާރުއަޅައި، ހިތްވަރު ދިނުމާއި، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސަށް އަމަލުކުރާ ކުންފުނިތަކާއި، ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.
އެވޯޑުދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް :
- އެކްސެލެންސް އިން ގަވަރނަންސް
- އައުޓް ސްޓޭންޑިންގ ޕްރޮގްރެސް
- އައުޓްސްޓޭންޑިންގ ބޯޑް ޗެއަރމަން
- އައުޓްސްޓޭންޑިންގ މެނޭޖިންގ ޑިރެކްޓަރ
- އައުޓްސްޓޭންޑިންގ ކޮމްޕެނީ ސެކްރެޓަރީ
މީގެ ތެރެއިން އައުޓްސްޓޭންޑިންގ ބޯޑު ޗެއަރމަން، އައުޓްސްޓޭންޑިންގ މެނޭޖިންގ ޑިރެކްޓަރ އަދި އައުޓްސްޓޭންޑިންގ ކޮމްޕެނީ ސެކްރެޓަރީ އެވޯޑު ދޭން ފެށުމަށް ހަމަޖެހިފައިވަނީ އުސޫލަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަސް ފަހުން ކަމަށް ޕީސީބީން ވަނީ ބުނެފައެވެ. މިއެވޯޑްތަކަށް ނޮމިނޭޓް ވާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޮރ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް" އަށް ޢަމަލު ކުރަން ޖެހޭ ސީއެމްޑީއޭ ގައި ލިސްޓް ކޮށްފައި ނުވާ، ދައުލަތް ހިއްސާވާ ކުންފުނިތަކެވެ. ޕީސީބީން ބުނި ގޮތުގައި ކުންފުނީގެ އަހަރީ ރިޕޯޓު އާންމު ކޮށްފައި ނުވާ އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާ ކުންފުނިތަކާއި ޕީސީބީން އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތްތައް މި އެވޯޑުތަކަށް ނޮމިނޭޓު ނުކުރެވޭނެ ކަމަށެވެ. އަދި އެވޯޑުތައް ދޭނެ މިންގަނޑުވެސް އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކޮމިޓީން ކަމަށްވެސް ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.