ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތަށް ގިނަބަޔަކު އެދުމުން ބާއްވާ ގުރުއަތުލުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިގުރުއަތުލުން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.
ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލުމަށް ހެނދުނު 9:00 އިން 10:00 އަށް ފުރުސަތު ދެވުނެވެ. އަމިއްލައަށް ނަންކޮޅުލުމަށް ހާޒިރުވެވެން ނެތް ފަރާތްތަކުގެ ނަންކޮޅު ފޮއްޓަށްލާފައި ވަނީ އެ މިނިސްޓްރީގެ ފަރާތުންނެވެ. ގުރުއަތުލުން ފެށުނީ މެންދުރު ބާރަ ޖެހުމާއެކުގައެވެ.
ގުޅީފަޅަށް ގޯތި ބަދަލު ކުރަން ހުށަހެޅި މީހުންގެ ގުރުއަތުލުން....ފޮޓޯ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ
ސަރުކާރުން ހުޅުވާލީ 1096 ގޯއްޗަށް ކުރިމަތިލުމަށެވެ. އެ ފުރުޞަތުގައި 4 ކެޓަގަރީން 2210 މީހުން ފޯމު ހުށައަޅާފައިވެއެވެ.
ހުޅުވާލި އަދަދަށްވުރެ އިތުރަށް ފޯމު ހުށައަޅާފައިވަނީ 1250 އަކަފޫޓާ، 1650 އަކަފޫޓުގެ ކެޓަގަރީންނެވެ. އެހެންކަމުން ގުރުއަތު ނެގުން ކުރިއަށްގެންދަނީ މި ދެ ކެޓަގަރީން ގޯތި ޔަގީންވާ މީހުން ކަނޑައެޅުމަށެވެ. މި ދެ ކެޓަގަރީން ހުޅުވާލި 859 ގޯއްޗަށް 1973 މީހުން ފޯމު ހުށައަޅާފައިވެއެވެ.
ގުޅިފަޅުން ފުރަތަމަ ދޫކުރަން ނިންމާފައިވަނީ 2218 ގޯއްޗެވެ. ނަމަވެސް އަލަށް ކަނޑައެޅި ގޯއްޗާއެކު ގުޅިފަޅުން މިހާތަނަށް 3300އަށްވުރެ ގިނަ ގޯތި ވަނީ ކަނޑައަޅާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.