ފުވައްމުލަކު ސިޓީގައި ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ޗައިނާގެ ފަތުރުވެރިއެކެވެ.

ފުލުހުން މައުލޫމާތު ދެމުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ފަތުރުވެރިއަކު ހާލުދެރަވެގެން ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު 11:26 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ފަތުރުވެރިޔާގެ ހާލު ދެރަވެފައިވަނީ ޓައިގާ ޝާކު ޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމުމަށްފަހު ދޯންޏަށް އެރި ފަހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހާލުދެރަވި ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، މަރުވި ޗައިނާ އަށް ނިސްބަތްވާ ފަތުރުވެރިޔާއަކީ 70 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.