ކުށުގެ ރެކޯޑު ސާފުކޮށް ދިނުން އަވަސްކޮށް، އެ ދުވަހުން ދުވަހަށް ލިބޭ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފި އެވެ. ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ފޯމު ހުށަހަޅާ ދުވަހާއި ޖެހިގެން އަންނަ ދުވަހު ރެކޯޑް ސާފުކޮށް ދޫކުރަމުން ދިޔަ އުސޫލު ބަދަލުކޮށް އެއަށްވުރެ އަވަސްމިނެއްގައި ރެކޯޑު ސާފު ކުރުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދާރީވުމަށް ޕީޖީ އޮފީހުން މިވަނީ ނިންމާފައެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެ އޮފީހުގެ އަމާޒުކަމުގައި ބުނެފައިވެއެވެ.  އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށެވެ.  މިހާރުވެސް އެ އޮފީހުން ދަނީ އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. 

ކުށުގެ ރެކޯޑު ސާފުކުރުން

  • ޕީޖީ އޮފީހުގެ އޮންލައިން http://online.pgo.mv/ އަށް، އީފާސް މެދުވެރިކޮށް ލޮގިންވެގެން އެއް ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކުރެވޭނެ
  • އެ ހިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެ
  • ކުށުގެ ރެކޯޑެއް އޮވެގެން، ކޯޓުގައި މައްސަލަ އޮތް ޙާލަތު ބަލަންޖެހޭނަމަ، ނުވަތަ އެނޫންވެސް ފަންނީ ސަބަބެއް މެދުވެރިވެ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރެއްޖެނަމަ، އެއް ދުވަހުގެ ތެރޭގައި ޖަވާބު ނުލިބުން އެކަށީގެންވާ ކަމަށް ޕީޖީން ބުނޭ